
މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް އަމިއްލަ ގެ ދޫކުރިކަން ޝަރީޢަތަށް ސާބިތުވުމާ ގުޅިގެން، ގ. ޕެލިކަން، އިބްރާހީމް ނާޡިމް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް އިއްޔެ ކްރިމިނަލް ކޯޓުން ތާރީޚީ ޙުކުމެއް އިއްވައިފިއެވެ.
ކްރިމިނަލް ކޯޓުގެ ޤާޟީ މުޙައްމަދު މިޞްބާހު އިއްވެވި މި ޙުކުމަކީ، ދިވެހިރާއްޖޭގެ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 127ވަނަ މާއްދާގެ ދަށުން މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އަދަބު ކަނޑައެޅުނު ފުރަތަމަ ފަހަރެވެ. މި މައްސަލައިގައި ނާޡިމްގެ މައްޗަށް ދަޢުލަތުން ދަޢުވާ އުފުލީ، މަސްތުވާތަކެތި ޓްރެފިކްކުރުމަށް، ޕެޑެލްކުރުމަށް ނުވަތަ އުފެއްދުމަށް އޭނާގެ އިމާރާތް ބޭނުންކުރަމުންދާކަން އެނގިހުރެ، ނުވަތަ އެކަން އެގޮތަށް ހިނގާފާނެކަމަށް ޤަބޫލުކުރެވޭ ޙާލަތެއްގައި އެތަން ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ސަބަބުންނެވެ.
ޝަރީޢަތުން ވަނީ ދަޢުލަތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށް، ގޭގެ ވެރިފަރާތުގެ ހައިސިއްޔަތުން ނާޡިމް އެ ކުށުގައި ޝާމިލުވާކަން ކަށަވަރުކޮށްފައެވެ. މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ސަރުކާރުން ފަށާފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރެއިން، ސީދާ ވިޔަފާރިކުރާ ފަރާތްތަކުގެ އިތުރުން އެފަދަ ކުށްތަކަށް މަގުފަހިކޮށްދޭ ފަރާތްތައް ހޯދައި، ޤާނޫނީ ފިޔަވަޅު އެޅުން މިވަނީ ހަރުކަށިކޮށްފައެވެ.

