
ޑްރަގު ނެޓްވޯކެއްގެ ދެ ބޮޑުން، 17 ކިލޯ ޑްރަގާ އެކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މަސްތުވާތަކެތި އެތެރެކުރުމާއި އެތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި 2026 ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަޕަރ ސައުތު ޕޮލޮސްގެ ގއ. އަތޮޅު ޕޮލިސް އާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން 2026 ސެޕްޓެމްބަރު 2ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ގއ. މާމެންދޫ ދެ ގެއެއް ބަލައިފާސްކޮށް 2 މީހަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ގއ. މާމެންދޫ / ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (29އ)އާއި ގއ. މާމެންދޫ / ރޯޝަނީގެ، ރިޝްފާން ރާމިޒު (29އ)އެވެ. މި ދެމީހުންނަކީ ވެސް މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެމީހުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ބަލައި ފާސްކުރި ދެ ގެއިން، ވަގުތީ ބަރުދަނުގައި 17.7 ކިލޯގެ މަސްތުވާތަކެތިކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވެއިވާ ކަމަށާއި މި އޮޕަރޭޝަނުގައި އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ އަޕަރ ސައުތު ޕޮލޮސްއާއި ޑްރަގް އެންފޯސްމެންޓް ގުޅިގެން ދަނީ ތަހުގީގުކުރަމުންނެވެ.

