
ރާއްޖޭގެ އިޤުތިޞާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި ބޭރު ފައިސާއިން އާމްދަނީ ހޯދާ ފަރާތްތަކުން ޑޮލަރު މާރުކުރުން ލާޒިމުކުރި ސިޔާސަތަކީ، ކުރީގެ ސަރުކާރުތަކުން ތަންފީޒުކުރަން ފަސްޖެހުނު މުހިންމު ނިންމެވުމެއްކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީން ގެނެސްދިން “ކޮންގްރެސް ފޯރި” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި، ރައީސް މުޢިއްޒުގެ ކޮންމެ ނިންމެވުމެއް ވެސް ބިނާވެފައި ވަނީ ދިވެހި ޤައުމާއި، އިސްލާމްދީނާއި، އާންމު ރައްޔިތުންގެ އެންމެ މަތީ މަޞްލަޙަތުގެ މައްޗަށެވެ. އަދި ޑޮލަރުގެ މައްސަލައަށް ހައްލެއް ގެނައުމަށް އެޅުއްވި ފިޔަވަޅަކީ ރާއްޖޭގެ މާލީ ނިޒާމުގައި ބޭރު ފައިސާ ދައުރުވުން އިތުރުކުރުމަށް އަމާޒުކޮށްގެން އެކުލަވާލެއްވި ދުރުވިސްނޭ ސިޔާސަތެއްކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.
މި ބަދަލުގެ ސަބަބުން މަދު ބަޔެއްގެ އަމިއްލަ ފައިދާއަށް އުނިކަމެއް އައިސް، ނުރުހުންތެރިކަން ފާޅުކުރި ނަމަވެސް، މުޅި ޤައުމާއި ގިނަ ރައްޔިތުންނަށް މީގެ ސަބަބުން ލިބިގެންދާނެ ފައިދާތައް މާ ބޮޑުވާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ތަދުމިނުގެ އަސްލަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު ހިފެހެއްޓުމަށް ފަހު، އެއްވެސް ހިސާބެއް ނެތި ފައިސާ ޗާޕުކުރުންކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ އެއިރުގެ އިދިކޮޅު ފަރާތްތަކުން ދިން ލަފަޔަށް ކުރީ ސަރުކާރުން ބީރުކަންފަތެއް ދިންކަމަށެވެ.
ހަމައެހެންމެ، ޑޮލަރު މާރުކުރުމުގެ އުޞޫލަކީ ނިމިދިޔަ ސަރުކާރުން ވެސް ގެންނަން މަސައްކަތްކޮށް، ނަމަވެސް އެކަން ތަންފީޒުކުރުމުގެ ހިތްވަރު ނެތުމުން ދޫކޮށްލި ކަމެއްކަން ނައިބު ރައީސް ހާމަކުރެއްވިއެވެ. ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ޔަޤީންކަން އެރުވީ، ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ނިންމަންޖެހޭ ކޮންމެ ނިންމެވުމެއް ނިންމެވުމުގައި ރައީސް ޑރ. މުޢިއްޒު ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށާއި، އެމަނިކުފާނު އަބަދުވެސް އިސްކުރައްވާނީ ޤައުމީ މަޞްލަޙަތު ކަމަށެވެ.

