
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރާއްޖޭގައި ޑޮލަރުގެ އަގު އުފުލިގެން ދިޔުމުގެ އަސްލަކީ ނަޝީދުގެ ވެރިކަމުގައި ގެންގުޅުއްވި ސިޔާސަތުތައް ކަމަށާއި، އެހެންކަމުން މިހާރު އެ މައްސަލަ ހައްލުކުރެވޭނެކަމަށް އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތަކަކީ ގަބޫލުކުރެވޭނެ އެއްޗެއް ނޫންކަމަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ބޭރު ފައިސާގެ ތެރެއިން 40 އިންސައްތަ މާރުކުރުން ލާޒިމުކޮށް މަރުކަޒީ ބޭންކުން އެކުލަވާލި އައު ގަވާއިދާ ގުޅިގެން ބައެއް ފަރާތްތަކުން ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، ރައީސް ނަޝީދު ގެންދަވަނީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކަށް އަމާޒުކޮށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވަމުންނެވެ. އަދި އެ މައްސަލައިން އަރައިގަތުމަށް ސަރުކާރުން އަމަލުކުރަންވީ ގޮތްތައްކަމަށް ބުނެ، އެމަނިކުފާނު ގެންދަވަނީ އެކި ޕްލެޓްފޯމުތަކުގައި ޚިޔާލު ފާޅުކުރައްވަމުންނެވެ.
އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު، މިކަމަށް ރައްދުދެއްވަމުން ފާހަގަކުރެއްވީ، 2011ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޑޮލަރުގެ ރަސްމީ އަގު 12.85 ރުފިޔާއިން 15.42 ރުފިޔާއަށް ބޮޑުކުރެއްވީ ސީދާ ރައީސް ނަޝީދުގެ ސަރުކާރުން ކަމަށެވެ. އެ ބަދަލާ އެކު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، އާންމު ރައްޔިތުންނަށް ޑޮލަރު ހޯދުމުގައި އުފުލަންޖެހުނު ތަކުލީފުތައް އޭނާ ހަނދާންކޮށްދެއްވިއެވެ. އަދި ފަސް އަހަރުގެ ވެރިކަމެއް ލިބިވަޑައިގަތުމުން ވެސް މިކަމަށް އެދެވޭ ހައްލެއް ނުގެނެވުނު ބޭފުޅަކަށް، މިހާރު މި މައްސަލަ ހައްލުކުރެވިދާނެކަމަށް ބުނުމަކީ ބުއްދި ގަބޫލުކުރާނެ ކަމެއް ނޫންކަމަށް މެންބަރު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުގެ އަމަލުތައް މިހާރު ހުރިގޮތަށް އަލިއަޅުއްވާލައްވަމުން ސައްތާރު ތުހުމަތުކުރެއްވި ގޮތުގައި، އެ ފަރާތްތަކުގެ ހަގީގީ މަގުސަދަކީ ގައުމުގެ ހާލަތު ރަނގަޅުކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ފަރާތްތަކުން މަސައްކަތްކުރަމުންދަނީ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވައިގެން، ސިޔާސީ މަންފާތަކެއް ހާސިލުކޮށް ވެރިކަން ވައްޓާލުމަށެވެ.
ބޭރު ފައިސާއާ ބެހޭ އައު ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ރިސޯޓުތަކުން ޑޮލަރު މާރުކުރަމުން އައީ އާމްދަނީގެ 20 އިންސައްތަ ނުވަތަ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ނިސްބަތުންނެވެ. އެހެންނަމަވެސް، މި އުސޫލުގެ ދަށުން ބައެއް ގެސްޓްހައުސްތަކާއި ރިސޯޓުތަކުން މަރުކަޒީ ބޭންކަށް އެއްގޮތަކަށް ވެސް ޑޮލަރު މާރުނުކުރާކަން ފާހަގަކުރެވިގެން، ދައުލަތާއި ރައްޔިތުންގެ ފައިދާއަށްޓަކައި ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ ބޭންކުތައް މެދުވެރިކޮށް މާރުކުރުން މިހާރު ވަނީ ގާނޫނީ ގޮތުން މަޖުބޫރުކޮށްފައެވެ.

