
ޑެންގީ ހުމާއި އަރިދަފުސް ރޯގާގެ އިތުރުން ބޭރަށްހިންގުން ފަދަ ގައިންގަޔަށް އަރާ ބަލިތައް އާދަޔާޚިލާފަށް އިތުރުވެފައިވާތީ، އާންމު ސާފުތާހިރުކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކުރައްވައިފިއެވެ.
މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ބަލިޖެހޭ މީހުންގެ ނިސްބަތް ވަނީ ކަންބޮޑުވާ މިންވަރަކަށް މައްޗަށް ގޮސްފައެވެ. އެގޮތުން، އެކަނި މެއި މަހުގެ ތެރޭގައި ޑެންގީގެ 778 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އަރިދަފުސް ރޯގާގެ ސަބަބުން 40،457 އަށްވުރެ ގިނަ މީހުން ވަނީ ފަރުވާ ހޯދާފައެވެ. މިއީ އޭގެ ކުރީ މަހާ އަޅާކިޔާއިރު ދެގުނަ ބޮޑު ޢަދަދެކެވެ.
މީގެ އިތުރުން، މި އަހަރުގެ މިހާތަނަށް ހެދި 1000 އަށްވުރެ ގިނަ ޓެސްޓުތަކުން 680 މީހަކު އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭގެ ރެކޯޑުތަކުން ދައްކައެވެ.
މިދުވަސްވަރު ބޭރަށްހިންގުމާއި ހޮޑުލުން ފަދަ ބަލިތައް ވެސް ގިނަވަމުންދާތީ، އެޗްޕީއޭއިން ވަނީ ކެއްސާ ކިނބިހިއަޅާއިރު އަނގަމަތި ނިވާކުރުމަށާއި، ބަލީގެ ޢަލާމާތެއް ފެންނަނަމަ މީހުން ގިނައިން އެއްވެ އުޅޭ މާޙައުލުތަކަށް ނުދިއުމަށް ނަސޭހަތްތެރިވެފައެވެ.
ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ލޮނުޕެކެޓާއި ގިނައިން ދިޔާތަކެތި ބޭނުންކުރުމަށް ވަނީ އަންގާފައެވެ. އަދި ތިން ދުވަހަށްވުރެ އިތުރަށް ބަލި ދިގުލައިގެން ދާނަމަ ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަށް އިލްތިމާސްކުރެއެވެ. މީގެ އިތުރުން ބަލިތައް ފަތުރާ މަދިރި އާލާވާ ތަންތަން ނައްތާލުމަށް ފަރުދީ ގޮތުންނާއި ކައުންސިލްތައް ގުޅިގެން ރަށު ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ މި ވަގުތަށް ނުހަނު ބޭނުންތެރި ކަމެކެވެ.

