
ޑައިވިންގ ކުރާއިރު ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ބަލިމީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ބޭނުންކުރާނެ “ޕޯޓަބަލް ހައިޕަރބެރިކްސް ޓްރާންސްޕޯޓް ޔުނިޓެއް” ހައިޕަބެރިކްސް ޔޫރަޕް ކުންފުނީގެ ފަރާތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އަށް އިންޓަގްރޭޓެޑް ހެޑްކުއާޓާޒްގައި ހަދިޔާކޮށްފިއެވެ.
އިންޓަގްރޭޓެޑް ހެޑްކުއާޓާޒްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، ދިވެހި އަސްކަރިއްޔާގެ ފަރާތުން މި މުހިންމު ވަސީލަތާ ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި އަގުހުރި ހަދިޔާ ދިވެހި ސިފައިންނަށް ފޯރުކޮށްދިން ކަމަށްޓަކައި އެމްއެންޑީއެފްއިން ވަނީ ޔޫރަޕްގެ އެ ކުންފުންޏަށް ވަރަށް ބޮޑަށް ޝުކުރުވެރިވާކަން ހާމަކޮށްފައެވެ.
އަލަށް ލިބުނު މި ޕޯޓަބަލް ޗެމްބަރަކީ ކަނޑުއަޑީގެ ހާދިސާތަކުގެ އިތުރުން ތަފާތު ސިއްޙީ ކުއްލި ހާލަތްތަކުގައި ވެސް ބަލިމީހުން ރައްކާތެރިކަމާ އެކު އުފުލުމަށް މަގުފަހިކޮށްދޭނެ މުހިންމު އާލާތެކެވެ. މީގެ ސަބަބުން، ޕްރެޝަރު ކޮންޓްރޯލް ކުރެވިފައިވާ މާޙައުލެއްގައި ބަލިމީހާ އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ރާއްޖެ ފަދަ ކަނޑުގެ ސަރަޙައްދު ބޮޑު، އަދި ޑައިވިންގ ފަދަ ކުޅިވަރުތައް އާންމު ޤައުމެއްގައި މިފަދަ ވަސީލަތެއް ހުރުމަކީ ސިފައިންގެ އިމަޖެންސީ އަދި ސަލާމަތީ އޮޕަރޭޝަންތަކަށް ލިބިގެންދިޔަ ނުހަނު ބޮޑު ކުރިއެރުމެއްކަމުގައި އެމްއެންޑީއެފްއިން ސިފަކުރެއެވެ.

