
ސްޕެއިންގެ ގައުމީ ފުޓުބޯޅަ ޓީމު ވޯލްޑް ކަޕް ކާމިޔާބު ކުރުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްޕެއިންގެ ރަސްގެފާނު ހިޒް މެޖަސްޓީ ފެލީޕޭ 6 ވަނައަށާއި، ސްޕެއިންގެ ބޮޑުވަޒީރު ހިޒް އެކްސެލަންސީ ޕޭދްރޯ ސަންޗެޘް ޕެރޭޘް-ކަސްތޭޚޯނަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް ތަހުނިޔާ ފޮނުއްވީ އެގައުމުގެ ރަސްގެފާނާއި ބޮޑުވަޒީރަށް ވަކިވަކިންނެވެ. މި މެސެޖުތަކުގައި ރައީސް ވިދާޅުވީ މި ކާމިޔާބީއަކީ ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ހުނަރާއި، މަސައްކަތްތެރިކަމާއި، ކުޅިވަރުގެ މޮޅުކަން ދައްކުވައިދޭ ކަމެއް ކަމަށާއި ފުޓުބޯޅައަކީ ރާއްޖޭގައި ނުހަނު މަޤުބޫލު ކުޅިވަރެއްކަމުގައިވާއިރު ސްޕެއިން ޓީމަކީ ދިވެހިންގެ ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ޓީމެއްކަމަށެވެ. އަދި ރާއްޖޭގައި ވަރަށް އުފަލާއެކު ފާހަގަކޮށްފައިވާކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވީ މިކަމުގެ ސަބަބުން މިކަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމާއި ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށާއި ރާއްޖެއާއި ސްޕެއިނާ ދެމެދު އުފެދިފައިވާ ގާތް، ދެމެހެއްޓެނިވި ރަޙްމަތްތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައި ސްޕެއިންގެ ފަތުރުވެރިންނާއި ބައިވެރިންގެ ފަރާތުން މެދުކެނޑުމެއްނެތި ލިބެމުންދާ އަގުހުރި އެހީތެރިކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ސްޕެއިންގެ ރަސްގެފާނާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވާ ކަމަށާއި އެ ގައުމުގެ ރައްޔިތުންނަށް ދާއިމީ ސުލްޙަވެރިކަމާއި، ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

