
ސްޓޭޓްފާމާއާއި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސް.އައި.އައި) އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ސްޓޭޓްފާމާއިން ބުނީ، މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް ބޭނުންވާ ވެކްސިނާއި އެހެނިހެން އަސާސީ ފާމަސޫޓިކަލް އުފެއްދުންތައް އިތުބާރާ އެކު ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރުމަށް ހުރި ފުރުސަތުތައް ދެނެގަނެ، އެކަމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާއެއް ކަމަށެވެ.
ސީރަމް އިންސްޓިޓިއުޓްގެ ޑިރެކްޓަރ އޮފް އިންޓަނޭޝަނަލް ބިޒްނަސް، މިސްޓަރ ސަންދީޕް މުލޭ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވުނު މި ބައްދަލުވުމުގައި، ވެކްސިން ފޯރުކޮށްދިނުމުގެ އިތުރުން، ބޭހާއި ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު ހަރުދަނާކުރުމާއި، ކުރިމަގުގައި ހިންގުމަށް ރޭވިފައިވާ އާންމު ސިއްހަތުގެ އެކި ޕްރޮގްރާމްތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ވެސް ސްޓޭޓްފާމާއިން މައުލޫމާތުދެއެވެ.
ސީރަމް އިންސްޓިޓިއުޓަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން އުފައްދާ ކުންފުންޏެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ)އާއި އދ. ގެ އެހީގައި ހިންގާ ވެކްސިން ޕްރޮގްރާމްތަކަށް އެންމެ ގިނައިން ވެކްސިން ފޯރުކޮށްދޭ އެއް ފަރާތަކީ ވެސް އެ ކުންފުންޏެވެ. އެގޮތުން، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ބޭނުންވާ ގިނަ ބާވަތްތަކެއްގެ ފެންވަރު ރަނގަޅު ވެކްސިން އެ ކުންފުނިން ދަނީ އުފައްދަމުންނެވެ.
މި ބައްދަލުވުމަކީ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ދުނިޔޭގެ ފުންނާބުއުސް ފާމަސޫޓިކަލް ކުންފުނިތަކާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށް ސްޓޭޓް ފާމާއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ. މި މަސައްކަތުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ރައްކާތެރި ބޭހާއި ވެކްސިން، ދަތިކަމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

