
ކުރިއަށް އޮތް ސްކޫލް ޗުއްޓީގައި އެތެރޭގެ އުދުހުންތަކަށް އޮންނަ ޑިމާންޑް ބޮޑުވުމާ ގުޅިގެން، ދަތުރުވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ މަޤުޞަދުގައި ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް 2000 އަށްވުރެ ގިނަ ފްލައިޓް ބޭއްވުމަށް ނިންމައިފިއެވެ.
ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި މައުލޫމާތު ޙިއްޞާކުރައްވަމުން އެ ކުންފުނީގެ ސީނިއަރ މެނޭޖަރ މާކެޓިން އެންޑް ކޮމިއުނިކޭޝަން، ޙަސަން ޝާރިޙް އާދަމް ހާމަކުރެއްވި ގޮތުގައި، މި ދުވަސްވަރަށް އެ ކުންފުނިން އަންނަނީ ވަރަށް ކުރީބައިގައި ތައްޔާރުވަމުންނެވެ. އާންމުކޮށް ކުރިއަށްގެންދާ ޝެޑިއުލް ދަތުރުތަކާ އަޅާބަލާއިރު މިއީ ސަތާރަ އިންސައްތައިގެ ކުރިއެރުމެކެވެ. އެގޮތުން، 1700 އަށްވުރެ ގިނަ ދަތުރު މިހާރުވެސް ޝެޑިއުލްކުރެވިފައިވާއިރު، ޑިމާންޑަށް ރިޢާޔަތްކޮށް އިތުރު 325 ފްލައިޓް ބޭއްވުމަށް ވަނީ ކަނޑައަޅާފައެވެ. މިއާ އެކު ކޮންމެ ހަ ދަތުރަކުން އެއް ދަތުރަކީ އިތުރަށް ބާއްވާ ފްލައިޓަކަށް ވެގެންދާނެއެވެ.
މި ބަދަލާ އެކު، ސްކޫލް ބަންދުގެ ތެރޭގައި އެއްލައްކަ ދިހަހާހަށްވުރެ ގިނަ މީހުންނަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް މޯލްޑިވިއަނުން ލަފާކުރެއެވެ. މީގެ ތެރެއިން 91،700 އަށްވުރެ ގިނަ ޖާގަ އާންމު ޝެޑިއުލް ފްލައިޓްތަކުން ހަމަޖެހޭއިރު، ބާކީ 18،200 އަށްވުރެ ގިނަ މީހުން އުފުލާނީ އެޑިޝަނަލް ދަތުރުތަކުގައެވެ. ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް މިހާރުވެސް ޓިކެޓް ގަތުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް ޝާރިޙް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދާދި ފަހުން ނިމިގެންދިޔަ އަޟްޙާ އީދު ބަންދަކީ ވެސް ރެކޯޑު އަދަދަކަށް މީހުން އެތެރޭގެ އުދުހުންތައް ބޭނުންކުރި ދުވަސްވަރެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ދުވަސްވަރު މޯލްޑިވިއަނުން ވަނީ 1200 އަށްވުރެ ގިނަ ދަތުރު ބާއްވައި، 65،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތްދީފައެވެ. އެއީ އާންމު ޝެޑިއުލްގެ 1014 ދަތުރާއި، އިތުރުކުރެވުނު 213 ދަތުރެވެ. އީދު ބަންދުގައި ބޭއްވި ކޮންމެ ފަސް ފްލައިޓަކުން އެކައްޗަކީ ޑިމާންޑާ ގުޅިގެން އިތުރުކުރެވުނު ފްލައިޓެއްކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

