
ދަރިވަރުންގެ މެދުގައި އާންމުވަމުންދާ ބުލީކުރުމުގެ މައްސަލަތަކަށް ހައްލެއް ގެނެވޭނީ، މުޖުތަމައުގައި ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުން ހުއްޓާލުމާ އެކު ބޮޑެތި މީހުންގެ ފަރާތުން ކުދިންނަށް ރަނގަޅު ނަމޫނާ ފެނިގެންކަމަށް، ތައުލީމާއި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ “އެކްސް” ގައި އާންމު ފަރާތަކާ ދެކެވުނު ވާހަކަތަކެއް ހިއްސާކުރައްވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ކުދިންނަކީ އެ ކުދިން އުޅޭ މާހައުލުގައި ހިނގާ ކަންކަން ކޮޕީކުރާ ބައެކެވެ. އެހެންކަމުން، ރަހުމާއި ކުލުނު ނެތް މުޖުތަމައެއްގައި ބޮޑުވާ ކުދިންގެ ފަރާތުން ސްކޫލްތަކުގައި ވެސް ފެންނާނީ އެފަދަ އަނިޔާވެރި އަމަލުތައް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އާންމު ތަންތަނާއި މީސްމީޑިއާގައި މީހުންގެ އަބުރާ ބެހުމަކީ މިއަދު މުނިފޫހިފިލުވުމުގެ ކުޅިވަރަކަށް ވެފައިވާކަމުގެ ކަންބޮޑުވުން ވަޒީރު ފާޅުކުރެއްވިއެވެ.
އަޑުއިވޭ ކޮންމެ ވާހަކައަކީ ތެދަކަށް ނުވާއިރު، އަނެކާގެ އިހުސާސްތަކަށް އިހުތިރާމްކުރުމެއް ނެތި ފަތުރާ ދޮގުތަކުގެ ސަބަބުން ނަފްސާނީ ގޮތުން ބަލިކަށި، އަނިޔާވެރި ޖީލެއް އުފެދުމުގެ ބިރު އެބައޮތްކަމުގެ އިންޒާރު އެ މަނިކުފާނު ދެއްވިއެވެ. އަދި ގޭތެރެއިންނާއި މުޖުތަމައުގެ ތެރެއިން ކުދިން ދަސްކުރާ ނުރަނގަޅު އާދަތައް ބަދަލުކުރުމަށްޓަކައި މުދައްރިސުން އުފުލަމުންދާ ބުރަ މަސްއޫލިއްޔަތަށް ވަޒީރު ވަނީ ތައުރީފުކުރައްވާފައެވެ. ދަރިވަރުންގެ ތަރުބިއްޔަތު ހަރުދަނާކުރުމަށް މިއަހަރު ފެށި “ބިންގާ” ޕްރޮގްރާމަކީ މި އަމާޒަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ވެސް އެ މަނިކުފާނު ހާމަކުރެއްވިއެވެ.
މީހުންނަށް ފުރައްސާރަކުރުމަކީ އިސްލާމްދީނުގައި ވެސް ހަރުކަށިކޮށް މަނާކުރައްވާފައިވާ ކަމަކަށްވީހިނދު، އެކަމުގެ ނުބައިކަން ދަރިންނަށް އުނގަންނައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ވަޒީރު އިތުރަށް ވިދާޅުވީ، ކުދިންނަށް އުފާވެރި އަދި ލޯބިވެތި މާހައުލެއް ހޯދައިދީގެން މެނުވީ ބުލީގެ މައްސަލަތައް ނައްތައެއް ނުލެވޭނެ ކަމަށެވެ.
ތައުލީމީ ވަޒީރުގެ މި ގޮވާލެއްވުމާ ގުޅިގެންދާއިރު، ސަރުކާރުން މިހާރު ދަނީ ބުލީކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް އެންޓި-ބުލީ ގާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވިދާޅުވެފައިވާ ފަދައިން، މި ބިލުގެ ދަށުން ސްކޫލްތަކުގައި ހަރުދަނާ ސިޔާސަތުތަކެއް ގާއިމުކޮށް، ފިޔަވަޅު އެޅޭނެ މަރުކަޒީ ނިޒާމެއް ހަމަޖެހި، ތައުލީމީ މަންހަޖުގެ ތެރެއިން ބުލީއާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރެވިގެންދާނެއެވެ.

