
ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކުޅަދާނަ އެކްޓްރެސް މަރްޔަމް އައްޒަ ޕްރޮޑިއުސަރެއްގެ ގޮތުގައި ނުކުންނަ ފުރަތަމަ ފިލްމު “ދެވި” ގެ ޓިކެޓް މާދަމާއިން ފެށިގެން އޮލިމްޕަސް ޓިކެޓް ކައުންޓަރުން ލިބެން ހުންނާނެ ކަމަށް އެފިލްމްގެ ޕްރޮޑަކްޝަން ހައުސްއިން ބުނެފިއެވެ.
އެގޮތުން މާދަމާ ހެނދުނު 10:00 އިން ފެށިގެން ޓިކެޓް ވިއްކުމަށް ހުޅުވާލާއިރު، މިހާރު ޓިކެޓް ބުކް ކޮށްފައި ތިބި ފަރާތްތަކުން މާދަމާގެ މެންދުރު 12:00 ގެ ކުރިން އޮލިމްޕަސް ޓިކެޓް ކައުންޓަރުން ޓިކެޓް ބައްލަވައިގަތުމަށް ޕްރޮޑަކްޝަން ހައުސްއިން ވަނީ އެދިފައެވެ. އަދި މެންދުރު 12:00 ގެ ފަހުން، ކުރިން ބުކް ކޮށްފައި ހުރި ހުރިހާ ބުކިންގްތަކެއް ކެންސަލްވާނެ ކަމަށްވެސް އެ ފަރާތުން މައުލޫމާތު ދެއެވެ.
އައްޒަ ޑަބަލް ރޯލަކުން ފެނިގެންދާ މި ފިލްމުގެ ޓްރެއިލާއިން ބިރުވެރިކަމާއެކު ލޯބީގެ މަންޒަރުތަކެއް ވެސް ދައްކުވައިދެއެވެ. އައްޒަގެ ތަފާތު މޮޅު އެކްޓިންއެއް ފެނިގެންދާއިރު، ފިލްމުގައި ހިމެނޭ މައިގަނޑު ތަރިންގެ ހުނަރުވެރިކަން ޓްރެއިލާއިން ވަރަށް ފުރިހަމައަށް ދައްކުވައިދެއެވެ.
މި ފިލްމުގެ ވާހަކައިގައި ދައްކުވައިދެނީ އައްޒަގެ އާއިލާއަށް ދިމާވާ ރޫޙާނީ ނުރައްކާތެރި ކަންތައްތަކަކުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކެކެވެ. މިއީ އައްޒަގެ ކާމިޔާބު ފިލްމީ ކެރިއަރުގައި ފާހަގަކޮށްލެވޭނެ ވަރަށް މުހިންމު މޭލުގަލަކަށް ވެގެންދާނެ ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
“ދެވި” ގެ ޑައިރެކްޓަރަކީ ހުސެން ހާޒިމް (ސޭންޑީ) އެވެ. އަދި މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ ސޭންޑީ އާއި ޝަހުދާ ގުޅިގެންނެވެ.
ޓެކްނިކަލް ގޮތުން ބަލާއިރު މިއީ ދިވެހި ސިނަމާގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތް ކަމަށް ޕްރޮޑަކްޝަން ހައުސްއިން ބުނެއެވެ. ޚާއްސަކޮށް ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަން އަދި ވީއެފްއެކްސް (VFX) މަސައްކަތްތަކަކީ ވަރަށް ފެންވަރު ރަނގަޅު މަސައްކަތްތަކެއްކަން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، ފިލްމުގެ އެކްޝަން މަންޒަރުތައް ފުރިހަމަކުރުމުގައި އެމް.އެން.ޑީ.އެފް ގެ އެސް.އޯ.ޖީ (ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް) ޓީމުގެ ބައިވެރިވުން ހިމެނިފައިވާތީ، މިއީ ބެލުންތެރިންނަށް މުޅިން އާ އަދި ޝައުގުވެރި ތަޖުރިބާއަކަށް ވެގެންދާނެއެވެ.
ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ނަން ރަސްމީކޮށް އިއުލާންކޮށް، ޓައިޓަލް ވީޑިއޯއަށް ލިބުނު ބޮޑު ތަރުހީބާއެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މި ފިލްމަށް އިންތިޒާރުކުރަމުންދާކަން ހާމަކުރަމުންނެވެ.

