
ދުނިޔޭގެ 90 އަށްވުރެ ގިނަ ޤައުމުގައި ހަރަކާތްތެރިވަމުން އަންނަ ބައިނަލްއަޤްވާމީ ބްރޭންޑިންގ އޮތޯރިޓީ، ސުޕަރބްރޭންޑްސްގެ ފަރާތުން ރާއްޖޭގެ ވިޔަފާރިތަކުގެ އިތުބާރާއި މަޤުބޫލުކަން ކަސްޓަމަރުންގެ މެދުގައި އިތުރުކޮށްދިނުމަށް “ސުޕަރބްރޭންޑްސް މޯލްޑިވްސް” އިފްތިތާޙްކޮށްފިއެވެ.
ސުޕަރބްރޭންޑްސް އަކީ 42،000 އަށްވުރެ ގިނަ ކޭސް ސްޓަޑީޒް ޝާއިޢުކޮށްފައިވާ، ބްރޭންޑިންގ ދާއިރާގެ އެންމެ ބޮޑު އެއް ނެޓްވޯކެވެ. އެ ފަރާތުގެ ތަޖުރިބާކާރު އިވެލުއޭޝަން ޕްރޮސެސްގެ ސަބަބުން ބްރޭންޑްތަކުގެ ނަން މަޝްހޫރުވެ، ކަސްޓަމަރުންގެ މެދުގައި ބްރޭންޑަށް އޮންނަ މަޤުބޫލުކަން އިތުރުވެގެންދާކަމަށް ދިރާސާތަކުން ދައްކައެވެ.
ސުޕަރބްރޭންޑްސް މޯލްޑިވްސްގެ ޗެއަރޕާސަންގެ ގޮތުގައި ހަރަކާތްތެރި ވަނީ ޓްރާސް މީޑިއާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމްއެވެ. ރާއްޖޭގައި މި ޕްރޮގްރާމްގެ ފްރެންޗައިޒް ހޯލްޑަރަކީ ވެސް ޓްރާސް މީޑިއާއެވެ.
މި ޕްރޮގްރާމްގެ ދަށުން ފަތުރުވެރިކަމާއި، ދަތުރުފަތުރާއި، ރީޓެއިލް އަދި ޚިދުމަތް ދިނުމުގެ ދާއިރާތައް ހިމެނޭހެން ރާއްޖޭގެ އެކި ސިނާޢަތްތަކުން ބްރޭންޑްތައް އިވެލުއޭޓް ކުރާނެއެވެ. މިކަން ކުރިއަށް ގެންދާނީ މެނޭޖްމަންޓް، މާކެޓިންގ، އެޑްވަޓައިޒިންގ، ޑިޒައިން، ޕީއާރު އަދި ވިޔަފާރީގެ ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ “ސުޕަރބްރޭންޑްސް މޯލްޑިވްސް ކައުންސިލް” އިންނެވެ.

