
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް އަލަށް ގުޅުނު 137 ސިފައިން، އެ މީހުންގެ އަސާސީ ތަމްރީނުތައް ފުރިހަމަކުރުމަށް ފަހު އިއްޔެ ހަވީރު އައްޑޫ ސިޓީގައި ހުންނަ ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދަސްވެނިވެއްޖެއެވެ.
މި ޝަރަފުވެރި ރަސްމިއްޔާތުގެ މައިގަނޑު މެހެމާނަކީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދެވެ. އެ މަނިކުފާނު ވަނީ ދަސްވެނިވި ލަޝްކަރު އިންސްޕެކްޓްކޮށްދެއްވައި، ތަފާތު ވަނަތަކަށް ހޮވުނު ފަރާތްތަކަށް ހަނދާނީ ލިޔުމާއި އިނާމު ހަވާލުކޮށްދެއްވައިފައެވެ.
ތިން މަސްދުވަހަށް ކުރިއަށް ގެންދިޔަ މި ކޯހުގެ އެންމެ ފާހަގަކޮށްލެވޭ ވަނަތަކަށް ބަލާއިރު، މުޅި ކޯހުން އެންމެ މޮޅު ދަރިވަރުގެ ޝަރަފު ހޯދާފައި ވަނީ ޕްރައިވެޓް މުޙައްމަދު ނަޒީހު ރަޝީދެވެ. މީގެ އިތުރުން، އަމާޒަށް ބަޑިޖެހުމުގެ ރޮނގުން “މޭޖަރ އިނގިރޭސި ޢުމަރު މަނިކު އެވޯޑް” ޕްރައިވެޓް މުޙައްމަދު ރަޒާން ޢަލީ ޒާހިރު ހާސިލުކުރިއިރު، ހެވިކަމުގެ އެންމެ މޮޅު ދަރިވަރަކަށްދޭ “ކޮމާންޑަރ އިސްމާޢީލް ދީދީ އެވޯޑް” ލިބުނީ ޕްރައިވެޓް އަނޫސް މުޙައްމަދަށެވެ. އަދި ހަށިހެޔޮކަމުގެ ގޮތުން އެންމެ ކުރީގައި އުޅޭ ސިފައިންނަށްދޭ “ކޮމާންޑަރ މޮޓަރ ޙަސަން މަނިކު އެވޯޑް” ގެންދިޔައީ ޕްރައިވެޓް އައިޝަތު ރަނާ ޢަބްދުއް ރަޙްމާނެވެ.
ކޯހުގެ އެކި ޕްލެޓޫނުތަކުގެ ތެރެއިން އެއްވަނަ ޕްލެޓޫނުގެ މަޤާމު ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކޮމްޕެނީގެ ސިއެރާ ޕްލެޓޫނުން ހޯދިއެވެ. މި ކޮމްޕެނީގެ ވަކިވަކި ޕްލެޓޫނުތަކުން އެއްވަނަ ހޯދި ދަރިވަރުންނަކީ؛ ސިއެރާ ޕްލެޓޫނުން ޕްރައިވެޓް ފާތިމަތު ސަރާ އާދަމް، އަލްފާ ޕްލެޓޫނުން ޕްރައިވެޓް އައިޝަތު ރަނާ ޢަބްދުއް ރަޙުމާން، ޓެންގޯ ޕްލެޓޫނުން ޕްރައިވެޓް މާއިޒް މުޙައްމަދު ޒުހައިރު، އަދި ޗާރލީ ޕްލެޓޫނުން ޕްރައިވެޓް އުލްވާން އަތޫފް އަރީބެވެ.
މާރިޗު 7ވަނަ ދުވަހުން ފެށިގެން އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން އިންތިޒާމުކޮށްގެން ހިންގި މި ކޯހުގެ ބައިވެރިންނަށް ސިފައިންގެ ހުވާ ލައިދެއްވީ އެ ކޮލެޖުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ. މި އުފާވެރި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް ނަޞްރުﷲ ވަސީމާއި މަތީ ފަންތީގެ ގިނަ އޮފިސަރުންނާއި ދަރިވަރުންގެ ޢާއިލާތަކުން ވަނީ ބައިވެރިވެފައެވެ.
ސިފައިންގެ މުއައްސަސާއާ އަލަށް ގުޅޭ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ އަސާސީ ތަމްރީނު ކޯހަކީ، ޢަސްކަރީ މާޙައުލަށް އަހުލުވެރިކުރުވައި، ޤައުމީ ރޫޙު އާލާކުރުމާއި، އަޚްލާޤީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަމުރަށް ކިޔަމަންތެރިވާ ޤާބިލު ބަޔަކަށް އެ މީހުން ހެދުމުގެ މަތިވެރި މަޤުޞަދުގައި ހިންގަމުން އަންނަ މުހިންމު ޕްރޮގްރާމެކެވެ.

