
އެކި ރަށްރަށުން އިތުރު ފަރުވާ ބޭނުންވި 65 ބަލިމީހަކު، ފާއިތުވި ހަފުތާގެ ތެރޭގައި ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ގެ ކޯސްޓްގާޑުން ރާއްޖޭގެ އެކި ހިސާބުތަކަށް ކާމިޔާބުކަމާއެކު އުފުލައިދީފިއެވެ.
ދިފާއީ ބާރުން މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، ކަނޑުމަގުން ބަލިމީހުން އުފުލުމުގެ މި ކުއްލި އޮޕަރޭޝަންތައް ހިންގާފައި ވަނީ ކޯސްޓްގާޑުގެ އެކި ސްކޮޑްރަންތަކާއި ސީ އެމްބިއުލާންސްތައް ބޭނުންކޮށްގެންނެވެ. އެގޮތުން، މި އޮޕަރޭޝަންތަކުގެ ތެރެއިން އެންމެ ބޮޑު ދައުރެއް އަދާކޮށްފައި ވަނީ 32 ބަލިމީހަކު އުފުލައިދިން ފަސްޓް ސްކޮޑްރަންއިންނެވެ.
ވޭތުވެދިޔަ ހަފުތާގައި ކޯސްޓްގާޑުން ޞިއްޙީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 65 މެޑިކަލް އިވެކުއޭޝަން ހަދައިދީފި. pic.twitter.com/YbvehsgdPP
— Maldives National Defence Force (@MNDF_Official) June 20, 2026
ތަފާސްހިސާބުތަކަށް ބަލާއިރު، ދެން އެންމެ ގިނައިން ބަލިމީހުން އުފުލައިދިނީ ފޯތު އަދި ތާޑް ސްކޮޑްރަންއިންނެވެ. އެއީ ފޯތު ސްކޮޑްރަންއިން 15 މީހުން އަދި ތާޑް ސްކޮޑްރަންއިން 14 މީހުންނެވެ. މީގެ އިތުރުން ސެކަންޑް ސްކޮޑްރަންގެ ފަރާތުން 3 މީހަކު އުފުލައިދީފައިވާއިރު، ސީ އެމްބިއުލާންސް އީ9 54އިން ވެސް ވަނީ އެއް ބަލިމީހަކު އެއް ރަށުން އަނެއް ރަށަށް ގެންގޮސްދީފައެވެ.
އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ސިއްހީ ކުއްލި ނުރައްކާތަކުގައި، އެކަށީގެންވާ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށްޓަކައި އަވަސްކަމާ އެކު ބަލިމީހުން މައި ހޮސްޕިޓަލްތަކަށް ގެންގޮސްދިނުމަކީ ކޯސްޓްގާޑުގެ ފަރާތުން މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން އަންނަ މުހިންމު ހިދުމަތެކެވެ.

