
ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން އިތުރު ފުރުސަތުތައް ހޯދަން ޗައިނާއާއެކު މަޝްވަރާކޮށްފިއެވެ.
އެ މަޝްވަރާތައް ކުރިއަށް ދިޔައީ ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ވަފުދަކާއެކު ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ އޯގަސްޓް 2024ގައި ސޮއިކުރި “ސިޗުއާން–މޯލްޑިވްސް ހެލްތު ކޯޕަރޭޝަން”އެމްއޯޔޫގެ ދަށުން އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ކަމަށެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ތައުލީމީ ތަޖުރިބާ ބަދަލުކުރުމާއި، ޓެލެމެޑިސިން އަދި ކުއްލި ހާލަތްތަކުގައި ދޭ ސިއްހީ ހިދުމަތްތައް ހަރުދަނާކުރުން ހިމެނޭކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ވަނީ ރާއްޖޭގެ ސިއްހީ ނިޒާމު ރަށްރަށާއި، އަތޮޅުތަކާއި، ރީޖަނަލް އަދި ގައުމީ ފެންވަރުގައި ބެހިފައިވާ ގޮތުގެ މައުލޫމާތު ހިއްސާކޮށް، މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.އޭގެ އިތުރުން، މައިންނާއި ކުޑަކުދިންގެ ސިއްހަތު ކުރިއެރުވުމާ ގޮތުން ދެފަރާތުން ހިޔާލު ބަދަލުކުރިއެވެ.
އަދި މި ދާއިރާއިން އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމަށާއި ސިއްހީ ހިދުމަތްތެރިންނަށް ތަމްރީނުގެ ފުރުސަތުތައް ފުޅާކުރުމަށް ޝައުގުވެރިކަން ފާޅުކުރިއެވެ.
މިއަދު ބައްދަލުކުރި ޗައިނާގެ ވަފުދުގައި ސިޗުއާން ފޮރިން އެފެއާޒް އޮފީހާއި، ސިޗުއާން ޕްރޮވިންޝަލް ހެލްތު ކޮމިޝަނާއި، ވެސްޓް ޗައިނާ ސެކަންޑް ޔުނިވަރސިޓީ ހޮސްޕިޓަލުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

