
ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޚާއްޞަ ޤަރާރެއްގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން 2031ވަނަ އަހަރާ ހަމައަށް އަލުން ސަރުކާރުން ހުއްދަކުރައްވައިފިއެވެ.
ތިމާވެށްޓަށް ގެއްލުންދޭ ތަކެތީގެ ލިސްޓަށް ބަދަލުގެނެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސޮއިކުރައްވައި ނެރުއްވި އައު ޤަރާރުގައިވާ ގޮތުން، މިފަދަ ހޮޅި އެތެރެކުރުން ދެން މަނާ ވާނީ 1 ޖޫން 2031ގައެވެ. އަދި އޭގެ އުފެއްދުމާއި ވިޔަފާރިކުރުން ހުއްޓާލުމަށް ކަނޑައަޅާފައިވާ އައު ތާރީޚަކީ 19 ޑިސެމްބަރު 2031ގައެވެ. މި ނިންމުން ނިންމަވާފައި ވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ލަފަޔާއި މަޝްވަރާގެ މަތިންނެވެ.
މި ސިޔާސަތަށް ބަދަލު ގެންނަން ޖެހުނު މައިގަނޑު ސަބަބަކީ، ކަރުދާސް ހޮޅި ބޭނުންކުރުމުގައި ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކާއި، އޭގެ ސަބަބުން ކުރިމަތިވެދާނެ ޞިއްޙީ މައްސަލަތަކުގެ ޝަކުވާތައް އިތުރުވުމެވެ. ތިމާވެށްޓާ ބެހޭ ވުޒާރާއިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވި ގޮތުގައި، މި މުއްދަތު އިތުރުކޮށްދިނުމުގެ ބޭނުމަކީ ބާޒާރަށް ދެމެހެއްޓެނިވި އަދި ރައްކާތެރި އައު އުފެއްދުންތަކެއް ތަޢާރަފުކުރުމަށް ވިޔަފާރިވެރިންނަށް ފުރުޞަތު ދިނުމެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިން އޮތް ސަރުކާރުން ވަނީ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ނިޔަތުގައި، 1 ޖޫން 2021އިން ފެށިގެން ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކޮށްފައެވެ. އަދި އޭގެ ވިއްކުމާއި އުފެއްދުން މަނާކޮށްފައި އޮތީ 19 ޑިސެމްބަރު 2022އިން ފެށިގެންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އައު ޤަރާރާ އެކު މި ހުރިހާ ތާރީޚުތަކެއް ވަނީ ދިހަ އަހަރު ދުވަހުގެ މުއްދަތަކަށް ފަސްކުރެވިފައެވެ.

