
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ސިނަމާލެ ބުރިޖަށް އަށް އަހަރު ފުރުމުގެ މުނާސަބަތުގައި، މާލޭގެ ލޮނުޒިޔާރަތްކޮޅުގައި ތަރައްޤީކޮށްފައިވާ ‘ޗައިނާ މޯލްޑިވްސް އެވަލާސްޓިންގ ފްރެންޑްޝިޕް ޕާކް’ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
މާލެއިން ބުރިޖަށް އަރާ ސަރަޙައްދުގައި ހަދާފައިވާ މި ޕާކަކީ، ރާއްޖޭގެ ތާރީޚު ދުށް އެންމެ ބޮޑު ޢުމްރާނީ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ކުރިއަށްދިޔަ ގޮތުގެ މުހިންމު މަޢުލޫމާތުތައް އާންމުންނަށް ފެންނާނެހެން ފަރުމާކޮށްފައިވާ ތަނެކެވެ. ދެހާސް ސާދަވަނަ އަހަރުން ފެށިގެން ދެހާސް އަށާރަވަނަ އަހަރަށް ކުރިއަށްދިޔަ ބުރިޖު ބިނާކުރުމުގެ ބޮޑު މަޝްރޫޢު އެއިރުގެ ހައުސިންގ މިނިސްޓަރުގެ ހައިސިއްޔަތުން އެންމެ ގާތުން ބައްލަވައި، ތާވަލާ އެއްގޮތަށް ކަންކަން ހިނގަމުންދާކަން ކަށަވަރުކުރެއްވުމުގެ އެންމެ އިސް ދައުރެއް އަދާކުރެއްވީ މިހާރުގެ ރައީސް ޑރ. މުޢިއްޒެވެ.
ބުރިޖުގެ 8ވަނަ އަހަރީ ދުވަހާ ގުޅިގެން މީސްމީޑިއާގެ މަންސައެއް ކަމަށްވާ ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ، މާލެ ސަރަޙައްދު ގުޅައިދިން މި ބިނާއަކީ ދެ ޤައުމުގެ ދެމެދުގައިވާ ގާތްކަމުގެ ދިރިހުރި ނިޝާނެއްކަމަށް ސިފަކުރައްވާފައެވެ. އަދި މިއީ ހަމައެކަނި ތަރައްޤީގެ ބިނާއެއް ނޫންކަމަށާއި، މިއީ ދިވެހިންނާއި ޗައިނާ ރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި، އިތުބާރާއި ފޮނި އުންމީދުތައް ދައްކުވައިދޭ މުހިންމު ރަމްޒެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ހަރުދަނާ ޒަޢާމަތުގެ ދަށުން ދެ ޤައުމުގެ ގުޅުން އާ ހަރުފަތްތަކަކަށް ގޮސްފައިވާކަން ފާހަގަކުރައްވައި، ރާއްޖެއާއި ޗައިނާގެ ޒަމާންވީ އެކުވެރިކަން ކުރިމަގުގައި ވެސް ބަދަހިކަމާ އެކު ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އަރުވާފައެވެ.

