
ސިހުރުވެރިންނަށް ދުނިޔޭގައި ވެސް އާޚިރަތުގައި ވެސް އެއްވެސް ކާމިޔާބެއް ނަޞީބެއްނުވާނެކަން މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްދީފިއެވެ.
“ސިހުރުހާހޫރައިގެ ނުބައިކަން” މި މައުޟޫޢުގެ މައްޗަށް މިއަދު އިއްވި ޚުޠުބާގައި އަލިއަޅުވައިލައްވައިފައި ވަނީ، ބަލިމަޑުކަމެއް ތަޙައްމަލުކުރަން ޖެހުނު ކަމުގައި ވިޔަސް، ސިހުރުވެރިންގެ ގާތަށް ގޮސް އެމީހުންގެ ބަސް ތެދުކުރުމަކީ މާތް ﷲ ނަހީކުރައްވާފައިވާ ބޮޑުވެގެންވާ ފާފައެއްކަން ހަނދާކޮށްދިނެވެ. އަދި ސިހުރަކީ އިންސާނާގެ ވިސްނުމާއި ހަށިގަނޑަށް އޭގެ ނޭދެވޭ އަސަރުތައް ފޯރުވައިދޭ ނުރައްކާތެރި އަމަލެކެވެ. މިއީ ޝިރުކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ފާފަ ކަމަށާއި، ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުން ވެސް މިކަމުގެ ނުބައިކަމާއި ޙަޤީޤަތް ސާބިތުވާން އޮތްކަން ވަނީ ފާހަގަކުރައްވާފައެވެ.
ދިރިއުޅުމުގައި ދިމާވާ ކަންކަމުގެ ގޮތް ބަލައިލުމުގެ ބޭނުމުގައި ނުވަތަ އަޖުމަބެލުމުގެ ނިޔަތުގައި ވިޔަސް ފާލުބަލާ މީހުންނާއި ސިހުރުވެރިންގެ ގާތަށް ދިއުމަކީ އެއްގޮތަކަށް ވެސް ހުއްދަވެގެންވާ ކަމެއް ނޫންކަމަށާއި ސިހުރުވެރިންނަކީ ސީދާ ޝައިޠާނާއަށް ތަބާވެ، އިސްލާމްދީނުން ބޭރުވެފައިވާ ބައެއްކަން ޚުޠުބާގައި ތަފްޞީލުކޮށްދެއްވިއެވެ. އެގޮތުން، ޝައިޠާނާގެ އެހީތެރިކަން ހޯދުމަށްޓަކައި ސިހުރުވެރިން ޖުނުބުވެރި ހާލުގައި ނަޖިސް ތަންތަނުގައި އުޅުމާއި، ޤުރްއާނަށް ފުރައްސާރަކުރުން ފަދަ ހުތުރު އަމަލުތައް ހިންގާކަން ބަޔާންކުރެއްވިއެވެ.
މާތް ﷲ އަށާއި މުއުމިނުންނަށް ކުރާ ޢަދާވާތްތެރިކަން ބޮޑުވި ވަރަކަށް، އެމީހުން ހަދާ ސިހުރުގެ ބާރު ގަދަވެގެންދާކަމަށް ވެސް ވިދާޅުވިއެވެ. ސިހުރުގެ ނުބައިކަން ބޮޑުކަމުން، އަމަލީ ގޮތުން ސިހުރު ނުހެދި ނަމަވެސް އެ އުނގެނުމަކީ ވެސް ކުފުރުވާފަދަ ކަމެއް ކަމަށާއި، ކުރީގެ ބައެއް ޢިލްމުވެރިން ސިހުރުވެރިންނަށް މަރުގެ އަދަބު ދިނުމަށް ކަނޑައަޅުއްވާފައިވާކަން “އަލްމުޣްނީ” ފޮތުން އެނގެން އޮތްކަން ވެސް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
މިފަދަ ނުބައި އަމަލުތަކުންނާއި ޝައިޠާނާގެ ވަސްވާސްތަކުން ސަލާމަތްވުމަށްޓަކައި، ފަސް ވަގުތު ނަމާދުކުރުމަށާއި، ޛިކުރުތައް ކިޔުމަށާއި، ގެދޮރުގައި ސޫރަތުލްބަޤަރާ ކިޔެވުން ގިނަކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ބަލިމަޑުކަމެއް ދިމާވުމުން ޝަރުޢީ ރުޤުޔާއިން ފަރުވާ ހޯދުމަށް އިރުޝާދު ދެއްވިއެވެ. ޞައްޙަ ގޮތުގައި ރުޤުޔާކުރާ ފަރާތްތަކުން މައިންބަފައިންގެ ނަން ނާހާނެ ކަމަށާއި، ގޮތްނޭނގޭ ތަވީދު ފަދަ ތަކެތި ބޭނުން ނުކުރާނެކަން ވެސް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ އޮޅުންފިލުވައިދެއްވާފައެވެ.

