
ސާކް އެސޯސިއޭޝަން އޮފް އެނެސްތީސިއޮލޮޖިސްޓްސް (ސާކް-އޭއޭ)ގެ ރައީސްކަމަށް ރާއްޖޭގެ ޑޮކްޓަރު އަސަދު މުހައްމަދު ޝަހީދު އިންތިހާބުވެވަޑައިގެންފިއެވެ.
އޭނާ އެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.
ހެލްތު މިނިސްޓްރީން ބުނީ ޑރ. އަސަދު އެ މަގާމަށް އިންތިހާބުވެވަޑައިގަތުމަކީ ސަރަހައްދީ ގުޅުން ބަދަހިކުރުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، ހާއްސަ ތަމްރީނާއި، އަދި ފަންނީ ކުރިއެރުމުގެ ތެރެއިން އެނެސްތީސިއޮލޮޖީ ދާއިރާ ތަރައްގީ ކުރުމަށް ރާއްޖެއަށް ފުރުޞަތުތައް ފަހިވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެއާއެކު ދިވެހި ޑޮކްޓަރުންނާއި، އެނެސްތީސިއާ ޓެކްނީޝަނުންނާއި، އަދި ނަރުހުންނަށް ސަރަހައްދީ މާހިރުންނާއި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ވެސް ބުންޏެވެ.
ހަމަ އެހެންމެ ލީޑަޝިޕް ދައުރުގެ ސަބަބުން ސަރަހައްދީ ތަމްރީނު ޕްރޮގްރާމްތަކާއި، ފަންނީ އެއްބާރުލުންދިނުމާއި، ދިރާސާކުރުމާއި، އަދި ގާބިލުކަން އިތުރުކުރުމުގެ މަޝްރޫއުތަކަށް އެއްބާރުލުން ލިބޭނެ ކަމަށް ބެލެވޭއިރު، ސާކްގެ މެންބަރު ޤައުމުތަކުގައި ހުރި ފަންނީ ގާބިލުކަމާއި ވަސީލަތްތަކުގެ ބޭނުން ދިވެހިރާއްޖެއަށް ހިފުމުގެ މަގުތައް ފަހިވެގެންދާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

