
ދެހާސް ބާވީސް ވަނަ އަހަރު އޮގަސްޓުމަހުގެ ހަވަނަ ދުވަހުގެރޭ އަނިޔާވެރި ގޮތަކަށް މަރައިލި މަރްޔަމް ޝިއާއު މުހައްމަދު ސަޢީދު (ޝިއާ) ގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އަލީ ސާހިލްގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ އޭނާ ތިން އަހަރަށް ވުރެ ގިނަ ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
އެ މަރާ ގުޅިގެން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފަސް ދައުވާއެއް ސާހިލުގެ މައްޗަށް އުފުލި އެވެ. އޭގެ ތެރޭގައި ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އަދި
ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ ހިމެނެ އެވެ. އަދި އޭނާގެ މައްޗަށް ،ކުރި އިތުރު ދެ ދައުވާއަކީ ކޮބައިކަމެއް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ހާމަކޮށްފައި ނުވާއިރު އޭނާގެ ޝަރީއަތްވެސް ކުރިއަށް ގެންދަނީ ސިއްރުކޮށްގެން ނެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ ސާހިލުގެ މައްޗަށް ކުރި ފަސް ދައުވާގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާ ކަމަށާއި އެ ދައުވާތަކާ ގުޅިގެން އޭނާ ތިން އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައިވާ ކަމަށެވެ. ނަމަވެސް ސާބިތުވީ ކޮން ދައުވާތަކެއް ކަމެއް ނުބުނެ އެވެ.
ސާހިލުގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން ބާކީ އޮތް ތިން ދައުވާގެ މައްސަލަ ނިންމައި އޭނާގެ މައްޗަށް މި މަހު ކޯޓުން ހުކުމް އިއްވާނެ އެވެ.
ފުވައްމުލަކަށް އުފަން ޢުމުރުން 22 އަހަރުގެ ޝިއާ މަރާލައިފައި އޮއްވާ ފެނުނީ ސާހިލް ދިރިއުޅެމުންދިޔަ އެޕާޓްމަންޓުންނެވެ. ޝިއާ މަރުވި ފަހުން ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތައް ދީފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.

