
ސަޕްލައި ދޯނި ދިޔަވެ އަޑިއަށް ދިޔަ ހާދިސާގައި މީހުންނާއި މުދާ ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި އަމަލީގޮތުން ހަރަކާތްތެރިވި ފުލުހުންނާއި، ގއ. ވިލިނގިލީ ޕޮލިސްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާ، ދާހިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.
ވަޒީރާއި ކޮމިޝަނަރ އޮފް ޕޮލިސް ގއ. ވިލިނގިއްޔަށް ކުރެއްވި މި ޒިޔާރަތުގައި، އޯގަސްޓް 12ވަނަ ދުވަހު އެ ސްޓޭޝަންގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނާ ބައްދަލުކުރައްވައި، ދިޔަވެ އަޑިއަށް ދިޔަ ދޯނިން މީހުންނާއި މުދާ ސަލާމަތްކުރުމަށްޓަކައި، ހާދިސާގެ މައުލޫމާތު ލިބުނު ހިސާބުން ފެށިގެން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި ހިތްވަރު ދެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މީހުންނާއި މުދާ ސަލާމަތްކުރުމަށް މަސައްކަތްކުރި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސާޖަންޓް ޢަލީ ނާފިޢު އާއި ސިފައިންގެ ބޭކަލަކާއި ދޯނީގެ ކެޕްޓަން ގެއްލުމުގެ ހިތާމައިގައި ސަރުކާރުން ފުރިހަމައަށް ބައިވެރިވާ ކަމަށެވެ. އަދި މި ހާދިސާގައި ފުލުހުންގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ނަމޫނާ މަސައްކަތްތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ ވާހަކަފުޅުގައި، މި ދަތުރުގެ އެންމެ މުހިއްމު ބޭނުމަކީ މި ހިތާމަވެރި ދަނޑިވަޅުގައި ސާޖަންޓް ޢަލީ ނާފިޢުގެ އާއިލާއާ ބައްދަލުކުރުމާއި، މި ހާދިސާގައި އަމަލީގޮތުން ހަރަކާތްތެރިވި ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންނާ ބައްދަލުކުރެއްވުން ކަމަށް ވިދާޅުވިއެވެ. ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަންތައް ކަމުގައި ފާހަގަކުރައްވައި، ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ހުރިހާ ކޮމާންޑަރުންނަށާއި އިސް އޮފިސަރުންނަށް އިރުޝާދު ދެއްވާފައިވާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
މީގެއިތުރުން، ގެއްލިފައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމާއި، ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ކޮމިޝަނަރ ވަނީ ފުލުހުންނާ ހިއްސާކުރައްވާފައެވެ.

