
ރަތްކަނޑާއި އެ ސަރަހައްދުގެ ކަނޑުއޮޅިތަކުގެ ސަލާމަތްތެރިކަން ދެމެހެއްޓުމަށް ސައުދީ އަރަބިއްޔާއިން އިސްވެ އުފެއްދި ޚާއްޞަ ދިފާޢީ ލަޝްކަރުގައި ދިވެހިރާއްޖެ ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި މައްސަލައަށް، ރައްޔިތުންގެ މަޖިލީހުގެ 58މެންބަރުންގެ އަޣުލަބިއްޔަތުން ރުހުންދީފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި މުޢާހަދާގައި ސޮއިކުރެއްވުމުގެ ހުއްދައަށް އެދިވަޑައިގެން ޤާނޫނުހަދާ މަޖިލީހަށް ފޮނުއްވީ މި ހިނގާ މަހުގެ 11ވަނަ ދުވަހުއެވެ. މި ކޯލިޝަނުގެ މައިގަނޑު އަމާޒަކީ އިންޑިއާ ކަނޑާއި މެޑިޓެރޭނިއަން ކަނޑު ގުޅޭ މުހިންމު ސަރަޙައްދުތައް ކަމަށްވާ ބާބުލް މަންދަބް އާއި އަދަން ކަނޑުއޮޅީގެ އިތުރުން ރަތްކަނޑުގެ ތެރެއިން ކުރާ ދަތުރުފަތުރުގެ މިނިވަންކަން ޔަޤީންކުރުމެވެ. މީގެ ސަބަބުން ދުނިޔޭގެ ހަކަތަ ސަޕްލައިކުރާ މައި ނެޓްވޯކްތަކާއި ވިޔަފާރި ބޯޓުފަހަރަށް ފުރިހަމަ ޙިމާޔަތް ލިބިގެންދާނެއެވެ.
މިދިޔަ ޖުލައި މަހުގެ 30ވަނަ ދުވަހު ރަސްމީކޮށް އިޢުލާނުކުރި މި ބައިނަލްއަޤުވާމީ އިއްތިހާދުގައި މިހާތަނަށް 13އަށްވުރެ ގިނަ ޤައުމުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ތުރުކީ، މިސްރު، ޕާކިސްތާނު، ޤަތަރު އަދި ކުވެއިތު ފަދަ އިސްލާމީ ބޮޑެތި ޤައުމުތައް ހިމެނެއެވެ. މި ލަޝްކަރު ލީޑުކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރަނީ ސައުދީން ކަމަށްވާއިރު، މި ޙަރަކާތުގެ ދާއިމީ މައި މަރުކަޒު ޤާއިމުކޮށްފައި ހުންނާނީ ވެސް އެ ޤައުމުގައެވެ.

