
ނިއުޓްރިޝަނިސްޓް ކިރަން ކުކްރޭޖާ ދާދިފަހުން އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި، ހުސްބަނޑާހުރެ ކެއުމާއި ބުއިން ރަނގަޅުނޫން ބައެއް ބާވަތްތައް ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި އެޕަލް އަދި އަލަނާސި ފަދަ ސިޓްރަސް މޭވާ، ގްރީން ޓީ، ސައި، ކޮފީ، ކުޅި ކާނާ އަދި މޭވާގެ ޖޫސް ހިމެނެއެވެ.
ނަމަވެސް މިއީ ހަގީގަތުގައި ވެސް ހުސްބަނޑާހުރެ ކާން ނުރައްކާތެރި ތަކެތިތޯއެވެ؟ ކިމްސް ހޮސްޕިޓަލްސް (ތާނޭ) ގެ ކޮންސަލްޓަންޓް – މެޑިކަލް ގެސްޓްރޯއެންޓްރޮލޮޖީ، ހެޕަޓޮލޮޖީ އެންޑް އެންޑޮސްކޮޕީ، ޑރ. ސުޖިތު ނައިރް ވިދާޅުވާ ގޮތުގައި، ވަކި ބާވަތްތަކެއް ހުސްބަނޑާހުރެ ކެއުން މަނާކުރާ ކުރުމަކީ މާބޮޑަށް ދައްކައިގެން އުޅޭ ވާހަކައެކެވެ.
“އާންމުކޮށް ސިއްހަތު ރަނގަޅު ގިނަ މީހުންނަށް އާފަލު، ސިޓްރަސް މޭވާ، އަލަނާސި، ސައި، ކޮފީ ނުވަތަ ޖޫސް ފަދަ ތަކެއްޗަކީ އޭގެ ޒާތުގައި ގެއްލުންހުރި ތަކެއްޗެއް ނޫން. އެންމެ މުހިންމު ކަމަކީ އެމީހެއްގެ ހަޖަމުކުރުމުގެ ނިޒާމު ހުންނަ ގޮތާއި، ކުރިން ހުންނަ ސިއްހީ މައްސަލަތައް،” ޑރ. ނައިރް ވިދާޅުވިއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބައެއް ބާވަތްތަކުގެ ސަބަބުން ބައެއް މީހުންނަށް އުނދަގޫތަކާ ކުރިމަތިވި ނަމަވެސް، ހެނދުނު ހޭލައިގެން އެތަކެތި ކެއުމުން އެންމެންގެ ހަޖަމުކުރުމުގެ ނިޒާމަށް ގެއްލުންވާކަމުގެ އެއްވެސް ސައިންޓިފިކް ހެއްކެއް ނެތެވެ.
“އެސިޑް ރިފްލަކްސް، ގެސްޓްރައިޓިސް ނުވަތަ ހަޖަމުކުރުމުގެ މައްސަލަތައް ހުންނަ މީހުންނަށް އެސިޑިކް ކާނާއާއި ބުއިންތަކުގެ ސަބަބުން އަލާމާތްތައް ފެނިދާނެކަމަށް ސައިންސްގެ ހޯދުންތަކުން ދައްކާ. ކޮފީ އާއި ސައިގެ ސަބަބުން އެސިޑް އުފެދުން އިތުރުކޮށްދޭއިރު، މޭވާގެ ޖޫހުގައި ފައިބަރު ނުހުންނާތީ ލޭގެ ހަކުރުގެ މިންވަރު ކުއްލިއަކަށް މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެއް. އެހެންނަމަވެސް، މިއީ ހެނދުނު ކެއުމުން ގޮހޮރަށް ގެއްލުންދޭނެ ކަމަށް ކަނޑައެޅިފައިވާ އާންމު އުސޫލެއް ނޫން،” އޭނާ ވިދާޅުވިއެވެ.
މި ތަކެތި ހުސްބަނޑާހުރެ ކެއުމުން ވާނީ ކިހިނެއް؟
ސިޓްރަސް މޭވާ އަދި އަލަނާސި: މި މޭވާތަކަކީ ގުދުރަތީގޮތުން އެސިޑް ގިނަ މޭވާތަކެކެވެ. ޑރ. ނައިރް ވިދާޅުވާ ގޮތުގައި މިއީ ހަމައެކަނި އެސިޑް ރިފްލަކްސް ނުވަތަ ގެސްޓްރައިޓިސް ހުންނަ މީހުންނަށް މޭނުބައިކުރުމާއި، މޭއެންދުން އަދި ބަނޑަށް އުނދަގޫވުން ފަދަ ކަންކަން މެދުވެރިކުރުވާފާނެ އެއްޗެކެވެ. ނަމަވެސް އާންމު ގިނަ މީހުންނަށް މިއީ ފައިދާހުރި ބާވަތްތަކެކެވެ.
އާފަލު: ޑރ. ނައިރް ވިދާޅުވީ އާފަލުގައި ފައިބަރު އަދި ޕްރީބަޔޮޓިކްސް އެކުލެވޭތީ، މިއީ ގޮހޮރަށް ވަރަށް ފައިދާހުރި މޭވާއެއް ކަމަށެވެ. އަދި ހުސްބަނޑާހުރެ ކެއުމަކުން މީގެ އެއްވެސް ގެއްލުމެއް ނުވާނެއެވެ.
ސައި އަދި ކޮފީ: ކެފެއިންގެ ސަބަބުން ބަނޑުގައި އެސިޑް އުފެދުން އިތުރުކޮށްދެއެވެ. ހުސްބަނޑާހުރެ ސައި ނުވަތަ ކޮފީ ބޯނަމަ ބައެއް މީހުންނަށް އެސިޑިޓީ، ބަނޑުފުއްޕުން، ނުވަތަ މޭނުބައިކުރުން ފަދަ ކަންކަމާ ކުރިމަތިވެދާނެއެވެ. ނަމަވެސް ކެފެއިންނާ ގުޅޭ މީހުންނަށް މީގެން އެއްވެސް މައްސަލައެއް ދިމާނުވުމަކީ އެކަށީގެންވާ ކަމެކެވެ.
ކުޅި ކާނާ: ބަނޑުގެ މައްސަލަތައް ހުންނަ މީހުންނަށް، ކުޅި ކާނާގެ ސަބަބުން ބަނޑުގެ އެތެރޭގެ ދުލިފަށަލައަށް އުނދަގޫވެ، ގެސްޓްރައިޓިސް އަދި އެސިޑް ރިފްލަކްސްގެ އަލާމާތްތައް ގޯސްވެދާނެ ކަމަށް ޑރ. ނައިރް ވިދާޅުވިއެވެ.
މޭވާގެ ޖޫސް: ޖޫހަކީ ސިއްހަތަށް ފައިދާހުރި އެއްޗެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، މުޅި މޭވާއާ އަޅާބަލާއިރު މީގައި ފައިބަރު މަދުވާނެއެވެ. ޑރ. ނައިރް ފާހަގަކުރެއްވި ގޮތުގައި ހުސްބަނޑާހުރެ ޖޫސް ބުއިމުން ލޭގެ ހަކުރު ކުއްލިއަކަށް މައްޗަށް ގޮސް، އަވަހަށް ބަނޑުހައިވުން އެކަށީގެންވެއެވެ.
ހެނދުނު ހޭލައިގެން ކާންވީ ކޯއްޗެއް؟
ނުކާންވީ ތަކެއްޗާމެދު ވިސްނުމުގެ ބަދަލުގައި، ހަށިގަނޑަށް ފެން ލިބިދޭނެ، ޕްރޮޓީން، ފައިބަރު އަދި ފައިދާހުރި ފެޓްސް އެކުލެވޭ ބެލެންސްޑް ނާސްތާއެއް ނެގުމަށް ޑރ. ނައިރް ލަފާދެއްވައެވެ. މީގެ ތެރޭގައި ތާޒާ މޭވާ، ފެނުލާފައި ހުންނަ ނަޓްސް، ކަރޑް ނުވަތަ ޔޯގަޓް، ސްޕްރައުޓްސް، ބިސް، ތަރުކާރީ، އަދި މޫންގް ޗީލާ ފަދަ ސަގާފީ ކެއުންތައް ހިމެނެއެވެ. މިއީ މުޅި ދުވަހު ހަކަތަ ދަމަހައްޓައިދީ، ހަޖަމުކުރުމުގެ ނިޒާމަށް ވެސް އެހީތެރިވެދޭނެ ކާނާތަކެކެވެ.
ހާއްސަ ސަމާލުކަމެއް ދޭންޖެހެނީ ކޮން ބައެއް؟
ޑރ. ނައިރް ވިދާޅުވީ އެސިޑް ރިފްލަކްސް، ގެސްޓްރައިޓިސް، ޕެޕްޓިކް އަލްސަރ، އައިބީއެސް (އިރިޓަބަލް ބަވަލް ސިންޑްރޯމް) ނުވަތަ ހަކުރުބަލި ހުންނަ މީހުން ހުސްބަނޑާހުރެ ކާ ތަކެއްޗާމެދު ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށެވެ. މިފަދަ މީހުން ހެނދުނު ހޭލައިގެން އެސިޑިކް ކާނާ، ގިނައިން ކެފެއިން ހިމެނޭ ބުއިންތައް ނުވަތަ ހަކުރު ގިނަ ބުއިންތަކާ ދުރުވުމަކީ މުހިންމު ކަމެކެވެ.
(ޑިސްކްލެއިމަރ: ކެއިންބުއިމުގެ އާދަތަކަށް ބަދަލު ގެނައުމުގެ ކުރިން އަބަދުވެސް ސިއްހީ މާހިރެއްގެ ލަފާ ހޯދާށެވެ.)

