
ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސްގެ ވެރިޔަކަށް ޔޫސުފް މާނިއު މުހައްމަދު އައްޔަންކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީއާއި ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ދަށުން ހިންގާ ވަކި އިދާރާއެއްގެ ގޮތުގައި ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް އުފެއްދީ މިދިޔަ ޖުލައި މަހުގެ 12ވަނަ ދުވަހުއެވެ.
“ދެން”އަށް އެނގިފައިވާ ގޮތުން އެ އޮފީހުގެ އެންމެ އިސް ވެރިއަކަށް މާނިއު މިހާރު ވަނީ އައްޔަންކުރައްވައިފައެވެ.
މާނިއު ކުރިން ވަނީ މި ސަރުކާރުގައި ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރުގެ މަގާމުވެސް ފުުރުއްވައިފައެވެ. އަދި ފަހުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވިގޮތަށް ފަހުން މި ސަރުކާރުގެ އެއްވެސް މަގާމެއް ނުފުރައްވައެވެ.
ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަކީ، މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވެ، މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން، އެކަމަށް އަވަސް ހައްލެއް ހޯދުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވައިލައި ތަންފީޒުކޮށް، މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ހައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރާނެ ސަރުކާރުގެ ވަކި އިދާރާއެއް ހަމަޖެއްސެވުމުގެ ބޭނުމުގައި އުފެއްދި އޮފީހެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

