
ދުނިޔޭގައި މިހާރު ކުރިއަރަމުން އަންނަ ގްރީން އިންޑަސްޓްރީއާ ބެހޭ ބައިނަލްއަގުވާމީ ސެމިނާއެއްގައި ރާއްޖޭގެ ވަފުދަކުން ބައިވެރިވެއްޖެއެވެ.
ރާއްޖެއިން ބައިވެރިވީ ޗައިނާގެ ބެއިޖިންގގައި މިހާރު ކުރިއަށްދާ “ސެކަންޑް ސެމިނާރ އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ގްރީން އިންޑަސްޓްރީ”ގައެވެ.
ޗައިނާ-އެސްސީއޯ ފްރޭމްވޯކްގެ ދަށުން މި އޮގަސްޓް މަހުގެ 8އިން 18އަށް ކުރިއަށްގެންދާ މި ސެމިނާރުގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ އެންވަޔަރަމަންޓްގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ނިޒާމްއެވެ.
އެ ސެމިނާރު ފެށުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ މިނިސްޓަރ ނިޒާމް ވަނީ ފެށުމުގެ ބަސް ވިދާޅުވެފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ތިމާވެއްޓާ ރައްޓެހި ފެހި ސިނާއަތްތައް ކުރިއެރުވުމަށާއި، ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް އަދި ތިމާވެށި ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅުން ބަދަހިކޮށް، އެއްބާރުލުން ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ.

