
މާލޭގެ މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ގޭސް ލީކުވުމުގެ ނުރައްކާތެރި ހާދިސާގައި ނިޔާވި އުމުރުން 51 އަހަރުގެ އަންހެންމީހާގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަކާ ނުލައި މިއަދު އޭނާގެ އާއިލާއާ ހަވާލުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުންގެ ތަރުޖަމާނަކު މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގައި ނިޔާވެފައި ވަނީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ އަދި ދަފްތަރު ނަންބަރު ރސ 6210ގައި ރަޖިސްޓަރީކޮށްފައިވާ ޒާހިދާ ތައުފީޤެވެ. މަރުގެ މައްސަލައެއްގެ ގޮތުގައި ފުލުހުން މި ހާދިސާ ތަޙުޤީޤުކުރަމުން ދާތީ އޭނާގެ ހަށިގަނޑު މިހާތަނަށް ބާއްވާފައި އޮތީ މޯޗަރީގައެވެ. ނަމަވެސް ޕޯސްޓްމޯޓަމް ނުހަދައި ހަށިގަނޑު ދޫކޮށްލަން ނިންމި ސަބަބާ ގުޅޭގޮތުން އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ހާއިރު ފުލުހުންނަށް ރިޕޯޓުކުރި މި ހާދިސާގައި ޒާހިދާގެ އިތުރުން އޭނާގެ 19 އަހަރުގެ އަންހެން ދަރިފުޅަށް ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. ޒާހިދާ ނިޔާވީ ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަ ފަހުންނެވެ. އަދި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އޭނާގެ ދަރިފުޅުގެ ޞިއްޙީ ހާލަތު މިހާރު ރަނގަޅުވަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

