
އިއްޔެ ހެނދުނު 10:34ހާއިރު މާފަންނު ދިލްކުޝާ ގޯޅީގެ ގެއެއްގައި ގޭސް ލީކުވެ ހިނގި ހިތާމަވެރި ހާދިސާގައި ހާލުދެރަވި 19އަހަރުގެ ޒުވާނާ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދާއިރު ހާލު މިހާރު ސްޓޭބަލް ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން މައުލޫމާތު ހިއްސާކުރަމުން އޭޑީކޭއިން ހާމަކުރި ގޮތުގައި، އިންޓެންސިވް ކެއަރ ޔުނިޓުގައި (އައިސީޔޫ) ދެމުންދާ ކަމަށާއި މި ވަގުތަށް އެ ޒުވާނާގެ ހާލު ރަނގަޅުކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ނިޔާވެފައި ވަނީ އައިސީޔޫގައި ފަރުވާ ހޯދަމުންދާ ކުއްޖާގެ މަންމަ، ދަފްތަރު ނަންބަރު ރސ 6210ޒާހިދާ ތައުފީޤުއެވެ. ފުލުހުން ޑޮކްޓަރުންނާ ހަވާލާދީ މައުލޫމާތު ދީފައިވާ ގޮތުގައި، ޒާހިދާ އައިޖީއެމްއެޗަށް ގެންދެވުނު އިރު ވެސް ވަނީ ނިޔާވެފައެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މިކަން މެދުވެރިވާން ދިމާވި ސަބަބު ދެނެގަތުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ގުޅިގެން މިހާރު ދަނީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

