
“ހިޔާވެހި” ފައިނޭންސިން ޕްރޮގްރާމުގެ ފުރަތަމަ ބުރުން ޖާގަ ހޯދި ފަރާތްތަކުގެ ތެރެއިން 244 މީހަކަށް މިހާތަނަށް ފައިސާ ދޫކޮށްފައިވާކަން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މި ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމްލަ 891 ފަރާތަކަށް ލޯނު ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ބާކީ ތިބި 629 ފަރާތަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވައި، އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ޝަރުތު ހަމަވި ހުރިހާ އެޕްލިކަންޓުންނަށް ފައިސާ ދޫކޮށް ނިންމުންކަމުގައި އޭނާ ވިދާޅުވިއެވެ.
ލޯނު ދޫކުރުމުގެ މަރުޙަލާތައް ލަސްވެގެންދިޔަ މައިގަނޑު ސަބަބުތައް ވެސް ސްޓޭޓް މިނިސްޓަރ ވަނީ އޮޅުންފިލުވައިދެއްވާފައެވެ. އެގޮތުން، އިމާރާތުގެ ޑިޒައިންގައި ވިޔަފާރީގެ ބޭނުމަށް 20 އިންސައްތަ ކަނޑައެޅުމަށް އޮންނަ މިންގަނޑަށް ފެއްތުމާއި، ހުށަހަޅާ ބީއޯކިއުތަކުގެ އަގު ލޯނުގެ ލިމިޓަށްވުރެ ބޮޑުވުމުގެ ސަބަބުން ބަދަލުތަކެއް ގެންނަން ޖެހުނުކަން އޭނާ ފާހަގަކުރެއްވިއެވެ. މި މައްސަލަތައް ޙައްލުކުރުމަށްޓަކައި އެޕްލިކަންޓުންނާއި، ބޭންކްތަކުގެ އިތުރުން ވުޒާރާއިން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހުނުކަމަށް ނާޒިމް ވިދާޅުވިއެވެ.
މައިގަނޑު ތިން ގިންތިއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، ‘ފަހިމާލެ’ ސްކީމްގެ ދަށުން 6 މިލިއަނާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ދޫކުރެއެވެ. މީގެ އިތުރުން ‘ސަހަރު’ ސްކީމުން 3 މިލިއަން ރުފިޔާ ދޫކުރާއިރު، ‘ރަށްވެހި’ ސްކީމުގެ ދަށުން ދޫކުރަނީ 1 މިލިއަން ރުފިޔާއެވެ. ސަރުކާރުން 1 ބިލިއަން ރުފިޔާ އަދި ބޭންކުތަކުން ބާކީ ބައި ހަމަޖައްސާ ގޮތަށް، މި ޕްރޮގްރާމަށް ކޮންމެ އަހަރަކު 2 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
އިސްލާމީ ޝަރީޢާގެ ހަމަތަކުގެ މަތިން ކުރިއަށްގެންދާ މި ފައިނޭންސިންގ ފެސިލިޓީ ދޫކުރަނީ ފަސް އިންސައްތައިގެ ފައިދާއެއް ހިމެނޭގޮތަށެވެ. އަދި ނަގާ ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ ދިގު މުއްދަތެއް ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއެވެ.

