
ބުދަ ދުވަހުގެ ރޭ ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް އަޑިއަށް ދިޔަ “ފްރެންޑް 4” ދޯނިން މީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ގެއްލުނު ތިން މީހުން ހޯދުމަށްޓަކައި، ގެއްލުނު ތިން މީހުން ހޯދުމަށް 881 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ބަލައިފިއެވެ.
ޤައުމީ ދިފާއީ ބާރުން ހާމަކޮށްފައިވާ ގޮތުގައި، މި މީހުން ހޯދުމަށް ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަނުގެ ދަށުން ޤައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާބޯޓެއްގެ އިތުރުން ސިފައިންގެ އެއާ ކޯގެ ޔޫއޭވީ ޑްރޯން ދަނީ ބޭނުންކުރަމުންނެވެ. މީގެ އިތުރުން ކަނޑުމަގުން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާއިރު، އެކަމުގައި ހަރަކާތްތެރި ވަނީ ކޯސްޓްގާޑު ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަސެޕްޓަރ ކްރާފްޓްތަކާއި، ފުލުހުންގެ ލޯންޗުތަކުގެ އިތުރުން ސީ އެމްބިއުލާންސެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން މި ތިން މީހުންގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.
ހިލައާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ މި ދޯނި އަޑިއަށްދާކަމުގެ މައުލޫމާތު ލިބުމާ އެކު އެހީތެރިވާން ދިޔަ ޓީމުގައި ހިމެނޭ ފުލުހަކާއި ސިފައިންގެ މީހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ވަނީ މި ހާދިސާގައި ގެއްލިފައެވެ. އެއީ ނ. މަނަދޫއަށް އުފަން ޕޮލިސް ސާޖަންޓް އަލީ ނާފިއު އާއި، އެމްއެންޑީއެފްގެ އޮފިސަރެއް ކަމަށްވާ އިބްރާހިމް އަހުމަދުގެ އިތުރުން ތ. މަޑިފުއްޓަށް ނިސްބަތްވާ ދޯނީގެ ކައްޕި މުހައްމަދު ހަމްދޫނެވެ. މީގެ ތެރެއިން ގއ. ވިލިނގިލީ މީހަކާ ކައިވެނިކޮށްގެން އުޅޭ ނާފިއުގެ ދެ ކުދިން ތިބޭއިރު، އިބްރާހީމް އަހުމަދަކީ ތިން ކުދިންގެ ބައްޕައެކެވެ.
މި ހާދިސާ ހިނގިއިރު ދޯނީގައި ޖުމްލަ އަށް މީހުން ތިބިއިރު، އޭގެ ތެރެއިން ހަތް މީހަކު ވަނީ ސަލާމަތްކުރެވިފައެވެ.

