
ރާއްޖޭގެ ކަނޑުން ގެއްލިފައިވާ ބައި އަނބުރާ ހޯދުމަށްޓަކައި ބައިނަލްއަޤުވާމީ ޤާނޫނީ ވަކީލުންގެ ޓީމަކާ އެ މައްސަލަ ހަވާލުކުރުމުގެ މަސައްކަތްފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަނައިބު އަޙްމަދު އުޝާމް ފާހަގަކުރެއްވި ގޮތުގައި، މި މައްސަލަ ފުންކޮށް ދިރާސާކުރުމަށް ފަހު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާހިރުން އެކުލަވައިލި ޚާއްޞަ ރިޕޯޓެއް ވަނީ ވަޒީރުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އަދި އެ ރިޕޯޓުގައި ހިމެނޭ ލަފާތަކާއި އިރުޝާދުތަކުގެ މައްޗަށް ބިނާކޮށް ކެބިނެޓުން ނިންމެވި ނިންމެވުންތަކާ އެއްގޮތްވާ ގޮތުގެ މަތިން، ބޭރުގެ ތަޖުރިބާކާރު ވަކީލުންނާ މި މަސައްކަތް ހަވާލުކުރުމުގެ އެންމެ ފަހުގެ މަރުހަލާ މިހާރު ދަނީ ކުރިއަށެވެ.
ބަންޑާރަނައިބުގެ އޮފީހުން މިހާރު ވެސް ބޭރުގެ ވަކީލުންނާއެކު ގާތުން މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މިކަމާ ގުޅޭ އިތުރު ތަފުސީލުތައް އާންމުކުރާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
ދިވެހިރާއްޖޭގެ ދެކުނުން އޮތް ޚާއްޞަ އިޤުތިޞާދީ ސަރަހައްދުން ބައެއް ގެއްލިގެން ދިޔައީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މޮރިޝަސްއާއި ރާއްޖެއާ ދެމެދު އުފެދުނު އިމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޯސް) އިން ނިންމި ގޮތުންނެވެ. އެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެއްގެ ސަބަބުން ރާއްޖެއަށް ގެއްލުންތަކެއް ވެފައިވާއިރު، ރާއްޖެއަށް ފައިދާހުރި އެތައް ނުކުތާތަކެއް ކޯޓުގައި ފާހަގަކޮށްފައިނުވާކަން ކުރީގެ ބަންޑާރަނައިބު އަދި ކަނޑުތަކާބެހޭ ޤާނޫނުގެ ތަޖުރިބާކާރު ޑރ. މުޙައްމަދު މުނައްވަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ކަނޑުން ގެއްލުނު ބައި އަލުން އަނބުރާ ހޯދުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މިކަމަށްޓަކައި ޤާނޫނީ ފިޔަވަޅުތައް އަޅުއްވާނެކަން މިއަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު އިޢުލާނުކުރައްވާފައިވާއިރު، ފޯޅަވަހީގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަން ބަޔާންކުރައްވައި އިނގިރޭސި ސަރުކާރަށްވެސް ރައީސް ވަނީ ދާދިފަހުން ސިޓީފުޅެއް ފޮނުއްވާފައެވެ. އެ ސިޓީފުޅުގައި ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމުގެ ބަދަލުގައި ދިވެހިރާއްޖެއާ ހަވާލުކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

