
ގުޅިފަޅުގައި ބިނާކުރުމަށް ހަމަޖެހިފައިވާ 4،000 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ކުރަމުން އަންނަކަން ހާމަކޮށްފިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްޓަކައި އިންޑިއާގެ އެގްޒިމް ބޭންކާ އެކު މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ 2028ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މި މަޝްރޫޢު އެއްކޮށް ނިންމާލުމަށް ފަހު، ޙައްޤުވެރި ފަރާތްތަކާ ފްލެޓުތައް ޙަވާލުކުރުންކަމަށް އޭނާ ޔަޤީންކަން ދެއްވިއެވެ.
މާލެ ސަރަޙައްދުގައި މި ވަގުތު ވެސް ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާއިރު، ބައެއް މަސައްކަތްތައް ލަސްވާކަމަށް އާންމުން ކުރާ ޝަކުވާތަކަށް ނާޒިމް ވަނީ ރައްދުދެއްވާފައެވެ. އެގޮތުން، ބިމުގައި ކޮންސްޓްރަކްޝަން މަސައްކަތް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިދާރީ މަރުޙަލާތައް ކަމަށްވާ ޑިޒައިން ފާސްކުރުމާއި، ސައިޓް ޙަވާލުކުރުމާއި، ޤާނޫނީ ގޮތުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް ގިނަ ވަގުތުތަކެއް ހޭދަވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މަރުޙަލާތައް ކަޑައްތުކުރުމަށް ފަހު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އަޅާ ޓަވަރުތަކުގެ ޢަމަލީ މަސައްކަތް މިހާރު ފެށިފައިވާކަމަށާއި، ދެވަނަ ފިޔަވަހީގެ ޑިޒައިންތައް ފާސްކޮށް މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން، ބީއެމްއެލްއާ ޙަވާލުކޮށްގެން 3،460 ޔުނިޓެއްގެ މަސައްކަތް ކުރިއަށްދާއިރު، މާލެ ސަރަޙައްދަށް ޚާއްޞަކޮށްގެން އިތުރު 5،000 ފްލެޓު އެޅުމުގެ ޕްލޭނެއް ވުޒާރާއިން ދަނީ އެކުލަވާލަމުންނެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކާއި އަލަށް ފަށާ މަޝްރޫޢުތައް އެއްކޮށްލުމުން ޖުމްލަ 13،000 ހައުސިންގ ޔުނިޓު މާލެ ސަރަޙައްދުގައި ތަރައްޤީކުރެވިގެންދާނެއެވެ. ރާއްޖޭގެ އާބާދީގެ އެންމެ ބޮޑު ބައެއް ދިރިއުޅޭ މާލެ ސަރަޙައްދުން ބޯހިޔާވަހިކަން ހޯދުމަށް ފަހުގެ މަޝްރޫޢުތަކަށް ވެސް ފަންސާސް ހާހަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލާފައެވެ.

