
މާލެ ސަރަހައްދުގައި ސަރުކާރުން ފަށާފައިވާ ޓެކްސީ ލައިނުގެ ޚިދުމަތް ހޯދުމަށް މިހާރު ގުޅައިގެން އަށް މިނެޓަށްވުރެ ގިނައިރު ހޭދަވި ނަމަވެސް، މޯބައިލް އެޕްލިކޭޝަނާ އެކު އެކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ކޯލް ސެންޓަރަށް ގުޅައިގެން ދަތުރެއް ހަމަޖެއްސުމަށް އެވްރެޖުކޮށް 8 މިނެޓު ނަގައެވެ. އަދި އާންމުކޮށް ދަތުރެއްގެ ދިގުމިނަކީ 12.2 މިނެޓުކަމަށް އެމްޓީސީސީން މައުލޫމާތު ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ފަރުމާކުރި އެޕްލިކޭޝަން މިހާރު އެޕް ސްޓޯރުން ފާސްކޮށްފައިވާއިރު، ވަރަށް އަވަހަށް އާންމުންނަށް އެ ޑައުންލޯޑުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
ޚިދުމަތަށް އޮންނަ ޑިމާންޑު ބޮޑުވުމުގެ ސަބަބުން ހުރިހާ ކޯލްތަކަށް ޖަވާބުނުދެވޭކަން ގަބޫލުކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ދުވަހުން ދުވަހަށް ދަތުރުތަކުގެ އަދަދު ފަންސާސް އިންސައްތަ އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން ނިމިދިޔަ މަހުގެ 13 އިން 18 އަށް އެކަނިވެސް އެގާރަހާހަށްވުރެ ގިނަ ދަތުރުކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުގެ ޓެކްސީ ލައިންގެ މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ ފާއިތުވި މަހުގެ ދެވަނަ ދުވަހުއެވެ. ފުރަތަމަ ދެ ހަފުތާގައި ހިލޭ ދަތުރުކުރެވޭ ގޮތަށް އޮތް ނަމަވެސް، މިހާރު ޚިދުމަތް ދެމުން އަންނަނީ ވެބް ޕޯޓަލެއް މެދުވެރިކޮށް އާންމު ރޭޓުތަކުގައެވެ. މި މަޝްރޫއަށް ބޭނުންވާ 150 ކާރު މާރިޗު މަހުގެ ފަހުކޮޅު ގެނެސްފައިވާއިރު، މީގެ ތެރޭގައި މާލޭގެ ހަނި މަގުތަކަށާއި މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރުމަށް ޚާއްސަ އުޅަނދުތައް ހިމެނެއެވެ.
ސަރުކާރުން މި ޚިދުމަތް ތައާރަފުކުރީ ޓެކްސީ ލިބުމުގެ ދަތިކަމަށް ނިމުމެއް ގެނައުމުގެ މަގުސަދުގައެވެ. އެހެންނަމަވެސް، ވިއްސާރަ ދުވަސްވަރު ފަދަ ވަގުތުތަކުގައި ޓެކްސީ ނުލިބުމުގެ ޝަކުވާ އާންމު ރައްޔިތުންގެ ފަރާތުން އަދިވެސް އަންނަނީ އިވެމުންނެވެ. މުޅިން އަލަށް ތައާރަފުކުރާ އެޕްލިކޭޝަނާއެކު މިފަދަ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

