
މަހުގެ 30 ވަނަ ދުވަހު ރިލީޒް ކުރުމަށް ނިންމާފައިވާ ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ 50 ވަނަ ފިލްމް ‘ގިލަން’ ގެ ޓިކެޓް ރަސްމީކޮށް ވިއްކަން ފަށައިފިއެވެ.
މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދޭ ގޮތުގައި، މިހާރު އޮލިމްޕަސް ސިނަމާގެ ކައުންޓަރުންނާއި އޮންލައިން ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ފިލްމުގެ ޓިކެޓް ބައްލަވައިގަނެވޭނެ.
އޮންލައިންކޮށް ޓިކެޓް ނެގުމުގެ ފުރުސަތު ހުޅުވާލުމާއެކު، ކިއޫގައި ނުޖެހި ބޭނުންވާ ޝޯއެއްގެ ޓިކެޓް އަވަހަށް ހޯދުމުގެ ފުރުސަތު މިހާރު ބެލުންތެރިންނަށް ވަނީ ފަހިވެފައެވެ.

‘ގިލަން’ ގެ ޓްރެއިލާ ނިމިދިޔަ ހަފްތާގައިވަނީ ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފައެވެ.
މި ފިލްމަކީ އަމްޖޭގެ 50 ވަނަ ޑައިރެކްޝަންގެ ގޮތުގައި މީގެ އަހަރުތަކެއް ކުރިން މަސައްކަތް ފެށި ފިލްމެކެވެ. ‘ގިލަން’ މާލެ އާއި ރަށްރަށުގައި އެޅުވުމުގެ ހުރިހާ އިންތިޒާމްތަކެއް ކުރަމުންދަނީ އައިލެންޑް ސިނަމާއިންނެވެ.
ގިލަން’ ހަދާފައި ވަނީ ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމް ހަމަ އެ ނަމުގައި ގެނެސްދިން މަގުބޫލު ވާހަކައަކަށް ބިނާކޮށެވެ. މިއީ އާއިލީ ސިއްރު ލޯބީގެ ގުޅުންތަކެއްގެ ތެރެއިން ރޫހާނީ ހާދިސާތަކެއް ވެސް ކިޔައިދޭ ފިލްމެކެވެ.
މި ފިލްމުގެ ލީޑް ކާސްޓްގައި ހިމެނެނީ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ފާތުމަތު އާޒިފާ (އަޒޫ) އާއި އަހުމަދު ސައީދާއިި، އައިމިނަތު ނޫރާ، ދަރާ މުހައްމަދު ރަޝީދު އަދި މަރިޔަމް ޝަކީލާ ވެސް ހިމެނެއެވެ.
ޑައިރެކްޓަރު އަމްޖޭ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2024 ވަނަ އަހަރު ރިލީޒްކުރި ‘އުދަބާނި 2’ އެވެ.

