
ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ބަނގުލަދޭޝްއަށް ނިސްބަތްވާ އެމްޑީ ބަބުލޫ (26އ)އެވެ.
އެ މައްސަލައިގައި އޭނާ 15ދުވަހަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުުރުކޮށްފައެވެ.
އޭނާގެ މައްޗަށް ކުރަނީ މުދަލަށް ގެއްލުން ދިނުމާއެކު ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގުމެވެ. ނަމަވެސް ނެގީ ކިހާ ފައިސާއެއް ކަމެއް އަމުރުގައި ބުނެފައެއް ނުވެއެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ބަބުލޫއާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވެއެވެ.
ނިމިގެން ދިޔަ ހަފްތާގައި ވެސް ފިހާރައެއްގައި މަސައްކަތް ކުރި ބިދޭސީއަކު ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައި ފިލަން ގައުމަށް ދާން އުޅެނިކޮށް ވަނީ އަތުލައިގެންފައެވެ. އޭނާ ވެސް މިހާރު ހުރީ ބަންދުގަ އެވެ

