
ގާލް ގައިޑު ހަރަކާތަކީ އިޖުތިމާޢީ ޝަހުސިއްޔަތާވެސް ގުޅިލާމެހިފައިވާ ހަރަކާތެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ސާޖިދާ އެފަދައިން ވިދާޅުވީ 25ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑާސް ޓްރޭނިން ކޭމްޕް ނިންމުމަށް މިއަދު ބޭޢްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ގާރލްގައިޑް ހަރަކާތަކީ ފަރުދީ ޝަހިސިއްޔަތުގެ އިތުރަށް، އިޖުތިމާޢީ ޝަހުސިއްޔަތާވެސް ގުޅިލާމެހިފައިވާ ހަރަކާތެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި އެ ހަރަކާތުގައި ދެވޭ ތަމްރީނުތަކުގެ ސަބަބުން، އިންސާނިއްޔަތަށް އިސްކަންދިނުމުގެ ރޫހު އާލާކުރުވާކަމަށާ، ފަރުދީ މަންފާއަށްވުރެ، ޖަމާއަތުގެ މަންފާ ކުރިޔަށް ނެރުމަށް ހަނދާންކޮށްދޭ ކަމުގައިވެސް، އެކަމަނާ ވިދާޅުވިއެވެ.
އަދި އެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ އަންނަ އަހަރަކީ ރާއްޖޭގެ ގާލްގައިޑް ހަރަކާތަށް 75އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި އެކަމުން ރަމްޒުކޮށްދެނީ، އުނގެނުމާ ރަނގަޅު އަހުލާގަށް އަހުލުވެރިވުމަށް ދިވެހިން ދޭ އިސްކަން ކަމަށް ވިދާޅުވެފައެވެ.
އަދި އެ ސިފަތަކަކީ، ދިވެހިންގެ ކުރިމަތީގައި ގަދަރު އުފުލިގެންވާ ސިފަތަކެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ. ހަމަ އެއާއެކު، ގާލްގައިޑް ހަރަކާތުގެ ސަބަބުން، ބައިވެރީންގެ ފަރުދީ ތަރުބިއްޔަތަށް އަހުލުވެރި ކުރުވައި، ވަގުތަށް ކަމޭހިތުމާ، ފުރިހަމަ ސިއްހަތައް އިސްކަންދިނުމާ ކަންކަމުގައި ފަރުވާތެރިވެ މުރާލިވުމުގެ އިތުރުން، އަމިއްލަ ޢާއިލާއާއި ގާތްތިމާގެ މީހުންގެ މައްޗަށް ކުލުނު އުފައްދައިދޭ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ގާލްގައިޑު ހަރަކާތުގެ ޝިއާރުން ރަމްޒުކޮށްދެނީ، ގޮންޖެހުންތަކާ، އެކިކަހަލަ ފިއްތުންތަކާ ފުރޮޅުންތަކުން ނެއްޓިގެން އަމާޒަށް ވާސިލުވުން ކަމަށާ، އެއީ އުއްމީދާ އުޖާލާކަން ދައްކުވައިދޭ ކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ގައިޑް ހަރަކާތުގައި ހިމެނޭ ކޮންމެ ދަރިވަރަކީވެސް، ގައުމަށް ބޭނުންޖެހޭ ކޮންމެ ދާއިރާއެއްގައި ހިދުމަތް ކުރާނެ ދަރިންކަން ފާހަގަކުރައްވައި، ދެވޭ ހިދުމަތުގެ ބާވަތް ދަނެގެން، އޭގެ އެންމެ ހަރުދަނާ ރަނގަޅުގޮތުގައި، ހިދުމަތް ފޯރުކޮށްދޭނޭ ދަރިވަރުން ކަމަށްވުމަށާ، ގައުމީ އެންމެ އުސް ކުންނުތައް ދައްކުވައިދޭ ކުރިބޯށި ތަކަކަށްވުމަށް، އެކަމަނާ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

