
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ މުއްދަތު ފާއިތުވިއިރު ވެސް، އިލެކްޝަންސް ކޮމިޝަނަށް (އީސީ) އަހަރީ އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވާ ޕާޓީތައް ޖޫރިމަނާކޮށްފިއެވެ.
މި އަހަރުގެ މޭ މަހުގެ 20ވަނަ ދުވަހަކީ އޮޑިޓް ރިޕޯޓުތައް ހުށަހެޅުމުގެ އެންމެ ފަހު ތާރީހު ކަމަށްވާއިރު، އެ މުއްދަތުގެ ކުރިން ރިޕޯޓު ހުށަހެޅީ އެންމެ ހަތަރު ޕާޓީއަކުންނެވެ. އެއީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އާއި، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)އެވެ. މީގެ އިތުރުން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެކައުންޓްތައް އޮޑިޓްކުރުމަށް ފަހު ހުށަހަޅާފައި ވަނީ ސުންގަޑި ހަމަވިފަހުން، ޖޫން މަހުގެ ހަތަރުވަނަ ދުވަހުއެވެ.
މިގޮތުން ޖޫރިމަނާކޮށްފައި ވަނީ އަދާލަތު ޕާޓީއާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 41ވަނަ މާއްދާ ބުނާގޮތުން، ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ ފެންވަރުގެ އޮޑިޓަރެއް މެދުވެރިކޮށް ޕާޓީތަކުގެ މާލީ ހިސާބުތައް އޮޑިޓްކޮށް، އީސީ އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ލާޒިމުވެއެވެ. އޮޑިޓް ރިޕޯޓުތައް 90 ދުވަހުގެ ތެރޭގައި ހުށަނާޅާ ޕާޓީތައް 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު ގާނޫނުން އީސީއަށް ލިބިދެއެވެ.
މިފަދަ ހާލަތްތަކުގައި ޕާޓީއެއް ޖޫރިމަނާކޮށްފި ނަމަ، އެކަން 15 ދުވަހުގެ ތެރޭގައި އެ ޕާޓީއަކަށް ރަސްމީކޮށް އަންގަންޖެހެއެވެ. އަދި އެންގުމާ ގުޅިގެން ލިބޭ އެއް މަސްދުވަހުގެ މުހުލަތުގައި ފައިސާ ނުދައްކައިފިނަމަ، އޭގެ އަނެއް އަހަރު ދައުލަތުގެ ބަޖެޓުން އެ ޕާޓީއަކަށް ކަނޑައަޅާ ފައިސާއިން ނުދައްކާ އޮތް ޖޫރިމަނާގެ އަދަދު އުނިކުރުމަށް ގަވާއިދު ލާޒިމުކުރެއެވެ.
ޕާޓީތަކުން އޮޑިޓް ރިޕޯޓުތައް ހުށަހެޅުމާ އެކު، އޮޑިޓަރ ޖެނެރަލް އެ ރިޕޯޓުތައް ދިރާސާކުރައްވައި، އެ ރިޕޯޓުތަކާ މެދު ދެކޭގޮތާއި އިސްލާހީ ލަފަޔާ އެކު އެއް މަސް ދުވަހުގެ މުއްދަތެއްގައި ރައްޔިތުންގެ މަޖިލީހަށާއި އީސީއަށް ފޮނުއްވަން ޖެހޭނެކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

