
ގާނޫނާ އެއްގޮތަށް މުދަލުގައި އަގު ޖަހަން 17ފިހާރައަކަށް ނޯޓިސް ދީފިއެވެ.
އާންމުންނަށް ވިއްކުމަށް ފިހާރަތަކުގައި ބަހައްޓާފައި ހުންނަ ތަކެތީގައި، ގަންނަން ބޭނުންވާ ފަރާތްތަކަށް ސާފުކޮށް ފެންނާނެހެން އަގު ލިޔެފައި ނުހުންނަ މައްސަލަތަކުގެ ޝަކުވާ އިތުރުވެ، އެފަދަ ވިޔަފާރިތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމިކަން އިކޮނޮމިކް މިނިސްޓްރީން އިއުލާންކުރީ މިދިޔަ ހަފްތާއެވެ.
އެ މިނިސްޓްރީން ބުނީ އެ ނިންމުމާ ގުޅިގެން މި މަހުގެ 15އިން 20އަށް ފިހާރަތައް ބަލައި ފާސްކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ޖުމްލަ 34ފިހާރަ ބަލައިފާސްކުރިއިރު 17ފިހާރައެއްގައި މުދަލުގައި ގާނޫނާއި އެއްގޮތަށް އަގު ޖަހާފައި ހުރި 17ފިހަރާއެއްގައި އަގު ނުޖަހާހުރުމުން އެ ފިހާރަތަކަށް ނޯޓިސް ދިންކަމަށް މިނިސްޓްރީން ބުންޏެވެ.
މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނަށް ރިޢާޔަތްކުރައްވައި، އެ ވުޒާރާއިން އާންމުކުރި މަޢުލޫމާތުގައި ވާގޮތުން، ތަކެތީގެ އަގު ނޭނގޭ ގޮތަށް ވިއްކަން ބެހެއްޓުމަކީ މަނާކަމެކެވެ. އެގޮތުން އެ ޤާނޫނުގެ 16ވަނަ މާއްދާގެ (ހ)ގެ ދަށުން، ކޮންމެ އެއްޗެއް ވިއްކަން ބެހެއްޓި ނަމަވެސް، އެ އެއްޗެއްގެ އަގަކީ ކޮބައިކަން ގަންނަ މީހާއަށް ފަސޭހައިން އެނގެން ހުންނަންވާނެއެވެ.
މި އުޞޫލުގެ ދަށުން މުދަލުގައި އަގު ޖަހާފައިވާކަމަށް ބަލައިގަންނާނީ މައިގަނޑު ދެ ގޮތަކަށެވެ. ފުރަތަމަ ގޮތަކީ ސީދާ އެ އެއްޗެއްގެ ބޭރުގައި ނުވަތަ އުރައިގައި އަގު ޕްރިންޓުކޮށްފައި ނުވަތަ ތަތްކޮށްފައި ހުރުމެވެ. ދެވަނަ ގޮތަކީ، އެ އެއްޗެއް ހުރި ހަރުގަނޑެއްގައި ނުވަތަ ވަށިގަނޑެއްގައި އަގު ލިޔެފައި ބެހެއްޓުމާ އެކު، އެއީ ސީދާ ކޮން އެއްޗެއްގެ އަގެއްކަން އޮޅުންނާރާނެ ފަދަ ގޮތަކަށް ހާމަކޮށްފައި ހުރުމެވެ. މި މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ވިޔަފާރިވެރިންނަށް އެ ވުޒާރާއިން ވަނީ ގޮވާލައްވާފައެވެ.

