
އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ “ގަން މިސްކިތް ކޮމްޕްލެކްސް”ގެ ބިންގާ އަޅައިފިއެވެ.
މިއީ ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ އަދި ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަން މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި ކަމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު ފައްޓަވައިދެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި މުޙައްމަދު ޞާލިޙެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، 800 މީހުންނަށް ނަމާދު ކުރެވާނެ ޖާގައިގެ، ދެ ފަންގިފިލާއަށް ނިސްބަތްވާ ގޮތަށް ފަރުމާކޮށްފައިވާ މި ޢިމާރާތަކީ ހަމައެކަނި ނަމާދުކުރުމަށް ޚާއްޞަ ތަނެއް ނޫނެވެ. އެގޮތުން، މި ކޮމްޕްލެކްސްގައި ދީނީ ފޮތްތައް ހިމެނޭ ޚާއްޞަ ކުތުބުޚާނާއަކާއި، ތަފާތު އެކިއެކި ހަރަކާތްތައް ހިންގުމަށް ބޭނުންކުރެވޭނެ މަލްޓި-ޕަރޕަސް ހޯލެއް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.
ބޮޑު ހޭދައަކުން ކުރިއަށްގެންދާ މި ޢުމްރާނީ މަޝްރޫޢު ފެށުމަށްޓަކައި ބޭއްވި ޚާއްޞަ ހަފްލާގައި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނާއި، އިސްލާމީ ވުޒާރާގެ އިސް މަސްއޫލުވެރިންގެ އިތުރުން މުޙައްމަދު ޞާލިޙުގެ އާއިލީ ބޭފުޅުން ވަނީ ޝަރަފުވެރިކޮށްދެއްވާފައެވެ.
ވައިގެ ބަނދަރުގައި އަލަށް ބިނާކުރާ މިސްކިތުގެ މަސައްކަތް ފެށިގެން ދިޔައިރު، މީގެ ކުރިން ވެސް މުޙައްމަދު ޞާލިޙު ވަނީ އައްޑޫ ސިޓީގެ ތަރައްޤީއަށް އަމިއްލަގޮތުން ބޮޑެތި އެހީތަކެއް ވެދެއްވާފައެވެ. އެގޮތުން، އެމަނިކުފާނުގެ އަމިއްލަފުޅު ގޯއްޗެއް މާތް ﷲ ގެ މަގުގައި ވަޤުފުކުރެއްވުމަށް ފަހު، އައްޑޫ ހުޅުދޫގައި ވެސް ފުރިހަމަ މިސްކިތެއް ބިނާކޮށްދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

