
ލ. ގަމުގައި އަޅާ 100ހައުސިން ޔުނިޓްގެ މަސައްކަތް ގާތްގަނޑަކަށް އެއްކޮށްހެން ނިމިއްޖެއެވެ.
ގަމުގައި 100ހައުސިން ޔުނިޓް އަޅަން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަންއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.
އެ މަސައްކަތް އެޗްޑީސީއާ ހަވާލުކުރީ 410ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ އެ 100އުސިން ޔުނިޓްތައް އެޅުމުގެ 95.5ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
އަދި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތްތައް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ގަމުގައި 100ހައުސިން ޔުނިޓްއަޅަން މިދިޔަ އަހަރު ހަވާލުކުރި އިރު ވެސް އެހެން 100ހައުސިން ޔުނިޓް ވެސް އެ ރަށުގައި އެޅުމުގެ މަސައްކަތް އޭރު ދިޔައީ ކުރަމުންނެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ރަަށުގައި އިތުރު 100ހައުސިން ޔުނިޓް އަޅާނެ ކަމަށް ވެސް ވިދާޅުވެފައެެވެ. އެއާއެކު އެ ރަށުގައި އަޅާ ހައުސިން ޔުނިޓްތަކުގެ އަދަދު 300އަށް އަރާނެއެވެ.
ގަމަކީ 5000އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށެކެވެ.

