
ރައްޔިތުންނާ ގާތުން ސަރުކާރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ލާމަރުކަޒީ ސިޔާސަތުގެ ތެރެއިން، މޯލްޑިވްސް އިމިގްރޭޝަނުން ގދ. ގައްދޫގައި ޕާސްޕޯޓު ހެދުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ބަދަލާ އެކު، ހުވަދުއަތޮޅު ދެކުނުބުރީގައި ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްތަކުގެ އަދަދު ވަނީ ދޭކަށް އިތުރުވެފައެވެ. މީގެ ކުރިން މި އަތޮޅުން ޕާސްޕޯޓުގެ ކަންކަން ހަމަޖެއްސެން ހުރީ ހަމައެކަނި ތިނަދޫ ސިޓީގައެވެ. ނަމަވެސް، އިމިގްރޭޝަނުގެ އޮންލައިން ޕްލެޓްފޯމް “އިމުގާ” މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާއިރު، ޕާސްޕޯޓާ ހަވާލުވުމަށް ބޭނުންވާ ރަށެއްގެ ގޮތުގައި ގައްދޫ ނުވަތަ ތިނަދޫ ޚިޔާރުކުރުމުގެ ފުރުޞަތު މިހާރު ފަހިކޮށްދީފައިވާކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.
ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ގދ. ގައްދޫގައި މިއަދު ވަނީ ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފައި. pic.twitter.com/Gr3xvrx89a
— Maldives Immigration (@ImmigrationMV) August 8, 2026
މާލެ ސަރަހައްދަށް ބަރޯސާވުން ކުޑަކޮށް، އަތޮޅުތެރެއިން އަސާސީ އަދި މުހިންމު ޚިދުމަތްތައް ލިބޭނެ މަގު ތަނަވަސްކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. ރައީސް ޑރ. މުޢިއްޒު މަގާމާ ހަވާލުވެވަޑައިގަތްއިރު އައިޑީކާޑާއި ޕާސްޕޯޓް ފަދަ ލިޔެކިޔުންތައް ހޯދުމަށް ގިނަ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ނިމުމެއް ގެނައުމުގެ ގޮތުން، މިހާރު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް މި ޚިދުމަތްތައް ފަސޭހަކަމާ އެކު ލިބޭނެ އިންތިޒާމު ހަމަޖައްސަވާފައެވެ.

