
ލޯކަލް ފިލްމު އިންޑަސްޓްރީއައް އާ ބާބެއް ރޭ ފެށިގެންދިޔައީ، މީޑިއާނެޓްގެ އޮރިޖިނަލް ސީރީޒް “ގަނާ” ވީޑިއޯކްލަބް މެދުވެރިކޮށް ޕްރިމިއާ ކުރުމާ އެކުގައެވެ. މި ސީރީޒް ޕްރިމިއާކުރުމަށްޓަކައި 2 މެއި 2026 ގައި އޮލިމްޕަހުގައި ހާއްސަ ރެޑް ކާޕެޓް އިވެންޓެއް ބާއްވާފައިވާއިރު، މި ހަފުލާގައި ގިނަ އަދަދެއްގެ ފަންނާނުންނާއި، އިންފްލުއެންސަރުން އަދި ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ސީރީޒްގެ ކެރެކްޓާތަކާއި އާދަޔާ ހިލާފު މައުޟޫއަށް އޮތް ބޮޑު އިންތިޒާރާ އެކު، މުޅި އިވެންޓް ފެނިގެންދިޔައީ ވަރަށް ފޯރިގަދަކޮށެވެ. “ގަނާ” ފާހަގަކޮށްލެވެނީ ހަމައެކަނި އޭގެ ޝައުގުވެރި ވާހަކައިގެ ސަބަބުން އެކަންޏެއް ނޫނެވެ. މި ސީރީޒްގައި ދިވެހި ފަންނީ ދާއިރާއަށް އަލަށް ނުކުންނަ ގިނަ ހުނަރުވެރި ފަންނާނުންތަކަކަށް ފުރުސަތު ދީފައިވުމަކީ ވެސް ފާހަގަކޮށްލެވޭ ކަމެކެވެ.
އެއްކާފް އިން ޕްރޮޑިއުސްކޮށް، ރަވީ ފާރޫގް ލިޔެ ޑައިރެކްޓްކޮށްފައިވާ މި ސީރީޒް ބިނާކޮށްފައިވަނީ މުޖުތަމައުގައި ނުހަނު ބޮޑުވެފައިވާ މައްސަލައެއް ކަމަށްވާ ބުލީކުރުން ނުވަތަ “ގަނާ” ކުރުމުގެ މައްޗަށެވެ. ނަފްސާނީ ދުޅަހެޔޮކަމާއި އިޖުތިމާއީ އަހުލާގާ ގުޅޭ ވާހަކަތައް ދެއްކުން މުހިންމުވެފައިވާ މި ދަނޑިވަޅުގައި، މި ސީރީޒްގެ މަގްސަދަކީ ގަނާކުރުމުގެ ސަބަބުން ފަރުދުންނަށާއި މުޖުތަމައަށް ކުރާ ނޭދެވޭ އަސަރުތަކަށް އަލިއަޅުވާލުމެވެ. އަދި އެއްވެސް ސިފައެއްގައި ގަނާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގެ މެސެޖު ދީ، މުޖުތަމައުގައި ހޭލުންތެރިކަމާއި ހަމްދަރުދީ އިތުރުކުރުމެވެ.
ވަރުގަދަ ވާހަކައަކާއި މާނަފުން މެސެޖުތަކެއް އެކުލެވޭ “ގަނާ” އަކީ މުޅި ރާއްޖޭގެ ބެލުންތެރިންގެ ހިތްތަކާ ކުޅެލާނެ ސީރީޒްއަކަށް ވާނެއެވެ.
މެއި މަހުގެ 2ވަނަ ދުވަހުން ފެށިގެން މީޑިއާނެޓްގެ mm.medianet.mv ޕޯޓަލް މެދުވެރިކޮށް، ކޮންމެ ތަނެއްގައި ހުރެގެންވެސް މި ސީރީޒް ބަލައިލުމުގެ މަގު މިވަނީ ތަނަވަސްވެފައެވެ. މިއީ ސިނަމާތަކާ ދުރުގައި އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކަށާއި، ތަފާތު ސަބަބުތަކާހުރެ ސިނަމާއިން ފިލްމު އަދި ސީރީޒް ބަލައިލުމުގެ ފުރުޞަތު ނުލިބޭ ފަރާތްތަކަށް ލިބިގެންދާ ރަނގަޅު ފުރުޞަތެކެވެ.
މިއީ މީޑިއާނެޓުން ކުރިއަށްގެންދާ “ސްޓްރީމް އެންޑް ފްލައި” ކެމްޕޭނުގެ ދަށުން ބެލުންތެރިންނަށް ގެނެސްދޭ ޚާއްޞަ ސީރީޒްއެކެވެ. މި ކެމްޕެއިންގެ ދަށުން، މީޑިއާނެޓްގެ ވީޑިއޯކްލަބަށް ސަބްސްކުރައިބް ކޮށްލައިގެން ގުރުއަތުން ހޮވޭ ފަރާތަކަށް ތުރުކީގެ އިސްތަންބޫލަށް ދެ ބޭފުޅުންގެ ދެކޮޅު ޓިކެޓާއި ހުރުން ލިބިގެންދާނެއެވެ. މި ފުރުޞަތު ލިބިވަޑައިގަންނަވާނީ 333 ރުފިޔާގެ އަހަރީ މޯބައިލް ސަބްސްކްރިޕްޝަން ނުވަތަ މަހަކު 100 ރުފިޔާގެ ޓީވީ އެޑް-އޮން ޕެކޭޖް ބޭނުންކުރައްވާ ފަރާތްތަކަށެވެ. މިއީ ޓާކިޝް އެއާލައިންސް ބައި އެކްސްޕެޑައިޓް މޯލްޑިވްސްއާ ގުޅިގެން މީޑިއާނެޓްގެ ވީޑިއޯކުލަބުން ގެންދާ ޙާއްސަ ޕރޮމޯށަނެކެވެ.
ވީޑިއޯކްލަބް ސަބްސްކްރައިބް ކުރުމުން ގަނާ ގެ އިތުރުން އެތަނުގައި ހުރި ގިނަ އަދަދެއްގެ ދިވެހި އަދި ބޭރުގެ އުފެއްދުންތައް ބަލާލުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ. މި ސީރީޒް ޑިޖިޓަލް ޕްލެޓްފޯމަކަށް އައުމަކީ ދިވެހި ފިލްމީ އުފެއްދުންތައް ބެލުންތެރިންނާ ހަމައަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
“ގަނާ” މިހާރު ސްޓްރީމް ކުރެވެމުންދާއިރު، މިއީ ހަމައެކަނި ބަލާލަންވީ ސީރީޒްއެއް ނޫނެވެ؛ މިއީ ފުންކޮށް ވިސްނާލަންވީ މައުޟޫއެކެވެ.

