
މީޑިއާނެޓްގެ ވީޑިއޯކްލަބްގެ އޮރިޖިނަލް ސީރީޒް “ގަނާ” މެއި މަހުގެ 2 ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސީރީޒް ޑިޖިޓަލްކޮށް ރިލީޒްކުރުމުގެ ކުރިން، ފުރަތަމަ ދެ އެޕިސޯޑް ހާއްސަ ޝޯއެއްގެ ގޮތުގައި އޮލިމްޕަހުގައި ދެއްކުމަށް ވަނީ ނިންމާފައެވެ. މި ސީރީޒް ހަމަ އެދުވަހު މީޑިއާނެޓް އެޕްގެ ވީޑިއޯކްލަބް މެދުވެރިކޮށް ސްޓްރީމް ކުރެވޭނެއެވެ.
އެއްކާފް އިން ޕްރޮޑިއުސްކޮށް، ރަވީ ފާރޫގް ލިޔެ އަދި ޑައިރެކްޓްކޮށްފައިވާ 10 އެޕިސޯޑުގެ މި ސައިކޮލޮޖިކަލް ތުރިލާ ބިނާކޮށްފައިވަނީ، މާޒީގައި ކުރިމަތިވެފައިވާ ކަންކަމުގެ ސަބަބުން، ހާއްސަކޮށް ބުލީކުރުމުގެ ސަބަބުން، ބޮޑުވާއިރު އިންސާނާގެ ދިރިއުޅުމަށް ކުރާ އަސަރުތަކެވެ.
ގަނާ ގެ މައި ކެރެކްޓަރަކީ ވިޔަފާރިވެރިއެއް ކަމަށްވާ ޖުނައިދެވެ. ޖުނައިދުގެ އަމާން ދިރިއުޅުމަށް ބޮޑު ލޮޅުމެއް އަރަނީ، ނަން ހާމަނުކޮށް ފޮނުވި މެސެޖަކާއެކުގައެވެ. އެ މެސެޖުގައި އޮތީ އޭނާގެ ސްކޫލް ދައުރުގެ ފޮޓޯއަކާއި “އެކަކު މަދުވީ” މި އިބާރާތެވެ. މި މެސެޖާއެކު، އޭނާގެ ކުޑައިރުގެ އެކުވެރިޔާ އަޒާންއާއެކު ސްކޫލް ދައުރުގައި ކުރިމަތިވި ބުލީކުރުމާއި އިހާނެތިކަމުގެ ހިތްދަތި ހަނދާންތައް އާވެގެންދެއެވެ. ވާހަކަ ކުރިއަށްދާވަރަކަށް، ޖުނައިދުގެ ސްކޫލް ދައުރުގައި އެކި މީހުންނަށް އަމާޒުކޮށްގެން ހިންގާ އަނިޔާވެރި ހާދިސާތަކެއް ފެންމަތިވާން ފަށައެވެ. މި މައްސަލަތައް ތަހުގީގު ކުރަނީ ޑިޓެކްޓިވް ރިޔާޒެވެ. އޭނާއަށް މި ހުރިހާ ހާދިސާތަކެއްގެ މެދުގައި އޮތް ގުޅުން ހޯދެއެވެ. ހޯދުންތައް ހޯދަމުންދާ ވަރަކަށް، ވާހަކައިގެ ނަފްސާނީ ފުންމިން އިތުރަށް ފާޅުވެގެންދެއެވެ.
މި ސީރީޒް އަމާޒުކޮށްފައިވަނީ ބުލީކުރުމުގެ ސަބަބުން ކުރާ ދިގު މުއްދަތުގެ ނަފްސާނީ އަސަރުތަކަށެވެ. ހާއްސަކޮށް، ހައްލުނުވެ ހުންނަ މިފަދަ ކަންކަން ބޮޑުވާއިރު ދިރިއުޅުމަށް ފޯރާ ގޮތްތަކަށެވެ. މީގެ އިތުރުން، މުޖުތަމައުގެ ތެރޭގައި އޮންނަ ހަނުހުރުމާއި، ދަރަޖަވެރިކަމާއި، އަބުރަށް އަރައިގަތުމުގެ ސަބަބުން ކުރިމަތިވާ އަނިޔާތަކަށް އިންސާފު ހޯދުމަށް ކުރަންޖެހޭ އުނދަގޫ ދަތުރު މި ސީރީޒްގައި އަލިއަޅުވާފައިވެއެވެ.
އިޖުތިމާއީ އެކި މައްސަލަތަކަށް އަމާޒުކޮށް ފިލްމު އުފައްދަމުން އަންނަ ޑައިރެކްޓަރު ރަވީ ފާރޫގް ބުނި ގޮތުގައި، މި ސީރީޒްއަކީ އިންސާނާގެ އަހުލާގީ މިންގަނޑުތަކާއި، ޕްރެޝަރުގެ ތެރޭގައި އިންސާނާގެ އަމަލުތައް ހުންނަ ގޮތް ދައްކުވައިދޭ މަސައްކަތެކެވެ. ޕްރޮޑިއުސަރ އެއްކާފްއިން ބުނި ގޮތުގައި، މި ސީރީޒަކީ ދިވެހި މުޖުތަމައާ ގުޅުންހުރި، ހިތްވަރުގަދަ ވާހަކަތައް ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާއަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މިއީ ގަރީނާ އަދި ހިންތާގެ ކާމިޔާބީއަށްފަހު، އެއްކާފްގެ އެންމެފަހުގެ އުފެއްދުމެވެ.
ގަނާ އަކީ މިޑިއާނެޓް ވީޑިއޯކްލަބްގެ އޮރިޖިނަލް ކޮންޓެންޓްގެ ތެރެއިން އުފެއްދުމެކެވެ. މި ސީރީޒްގައި ދިވެހިރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ތަޖުރިބާކާރު ފަންނާނުންނާއި އަލަށް ނުކުންނަ ހުނަރުވެރިން ފެނިގެންދާނެއެވެ.
މެއި މަހުގެ 2ވަނަ ދުވަހުން ފެށިގެން މީޑިއާނެޓްގެ mm.medianet.mv ޕޯޓަލް މެދުވެރިކޮށް، ކޮންމެ ތަނެއްގައި ހުރެގެންވެސް މި ސީރީޒް ބަލައިލުމުގެ މަގު މިވަނީ ތަނަވަސްވެފައެވެ. މިއީ ސިނަމާތަކާ ދުރުގައި އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކަށާއި، ތަފާތު ސަބަބުތަކާހުރެ ސިނަމާއިން ފިލްމު އަދި ސީރީޒް ބަލައިލުމުގެ ފުރުޞަތު ނުލިބޭ ފަރާތްތަކަށް ލިބިގެންދާ ރަނގަޅު ފުރުޞަތެކެވެ.
މިއީ މީޑިއާނެޓުން ކުރިއަށްގެންދާ “ސްޓްރީމް އެންޑް ފްލައި” ކެމްޕޭނުގެ ދަށުން ބެލުންތެރިންނަށް ގެނެސްދޭ ޚާއްޞަ ސީރީޒްއެކެވެ. މި ކެމްޕެއިންގެ ދަށުން، މީޑިއާނެޓްގެ ވީޑިއޯކްލަބަށް ސަބްސްކުރައިބް ކޮށްލައިގެން ގުރުއަތުން ހޮވޭ ފަރާތަކަށް ތުރުކީގެ އިސްތަންބޫލަށް ދެ ބޭފުޅުންގެ ދެކޮޅު ޓިކެޓާއި ހުރުން ލިބިގެންދާނެއެވެ. މި ފުރުޞަތު ލިބިވަޑައިގަންނަވާނީ 333 ރުފިޔާގެ އަހަރީ މޯބައިލް ސަބްސްކްރިޕްޝަން ނުވަތަ މަހަކު 100 ރުފިޔާގެ ޓީވީ އެޑް-އޮން ޕެކޭޖް ބޭނުންކުރައްވާ ފަރާތްތަކަށެވެ. މިއީ ޓާކިޝް އެއާލައިންސް ބައި އެކްސްޕެޑައިޓް މޯލްޑިވްސްއާ ގުޅިގެން މީޑިއާނެޓްގެ ވީޑިއޯކުލަބުން ގެންދާ ހާއްސަ ޕްރޮމޯޝަންއެކެވެ.
ވީޑިއޯކްލަބް ސަބްސްކްރައިބް ކުރުމުން ގަނާ ގެ އިތުރުން އެތަނުގައި ހުރި ގިނަ އަދަދެއްގެ ދިވެހި އަދި ބޭރުގެ އުފެއްދުންތައް ބަލާލުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ. މި ސީރީޒް ޑިޖިޓަލް ޕްލެޓްފޯމަކަށް އައުމަކީ ދިވެހި ފިލްމީ އުފެއްދުންތައް ބެލުންތެރިންނާ ހަމައަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

