
ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި “އެލްސީވީން” ލޭންޑިންގ ކްރާފްޓް ކ. ގާފަރު ކައިރިން ބަންޑުންޖަހާލައި، އޭގައި ތިބި މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުންދަނީ ބިދޭސީ 2 މީހުން ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި ހާދިސާގެ ރިޕޯޓު އެ މުއައްސަސާއަށް ލިބިފައި ވަނީ މިއަދު ހެނދުނު 08:48 ހާއިރު ކަމަށާއި މި ހާދިސާ ހިނގި ވަގުތު ލޭންޑިންގ ކްރާފްޓްގައި ތިބީ 2 ދިވެހިންނާއި 8 ބިދޭސިން ކަމަށެވެ. ގެއްލުނު 2 މީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަނުން ހަރަކާތްތެރިވަމުންދާ ކަމަށާއި މި އެލްސީވީ މިހާރު އޮތީ ކ.ގާފަރު ފަރުމަތީގަ ކަމަށް ޤައުމީ ދިފާއީ ބާރުން މައުލޫމާތުދެއެވެ.
މި ދުވަސްވަރު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކަނޑުތައް އާދަޔާޚިލާފަށް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެދާނެކަމަށް އިންޒާރު ދީފައިވާއިރު، ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތަކެއް މެނުވީ ނުކުރުމަށާއި، ކަނޑުމައްޗަށް ނުކުންނަ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ކަމާގުޅޭ އިދާރާތަކުން ވަނީ އިރުޝާދު ދެއްވާފައެވެ.

