
ރާއްޖޭގައި ކުރިން އޮތް ބިރުވެރިކަމާއި ސިޔާސީ ހަލަބޮލިކަން ނައްތާލައި، އެއްވެސް ސިޔާސީ ލީޑަރަކަށް ހުރަހެއް ނެތި ސިޔާސީ މަސައްކަތްކުރެވޭނެ ފުރިހަމަ މިނިވަންކަމާއި ހަމަޖެހުން ޤާއިމުކޮށްދެއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މަތީ މަޖިލީހުގެ ފުރަތަމަ ބައްދަލުވުން ފެށުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، އެމަނިކުފާނުގެ އެންމެ ބޮޑު އެއް އަމާޒަކީ ޤައުމަށް ދާއިމީ ސުލްޙަވެރިކަން ގެނެސްދެއްވުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި ސިޔާސީ ގޮތުން އެއްވެސް ބޭފުޅަކާ މެދު ޒާތީގޮތުން ފިޔަވަޅު އަޅުއްވައި، ޖަލަށް ލައްވާފައި ނުވާނެ ކަމަށެވެ. އަދި ޤައުމުގައި މިހާރު ސިޔާސީ ގޮތުން ބަދަލުހިފުމުގެ އެއްވެސް ރޫޙެއް ނޯންނާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. އެހެންކަމުން، ބިރުވެރިކަމެއް ނެތި ސިޔާސީ ހަރަކާތްތައް ހިންގުމުގެ މަގު މިހާރު ހުޅުވިފައިވާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ޚިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަން ފުޅާކުރެވިފައިވާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، ކުރިއާ ޚިލާފަށް ދުރާލައި އެންގުމަކާ ނުލައި މުޒާހަރާތަކާއި އެއްވުންތައް ބޭއްވޭނެ ސަރަޙައްދުތައް މިހާރު އިތުރުކޮށްދެއްވާފައިވާނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް އެމީހުންގެ ޝުޢޫރުތައް ފާޅުކުރުމަށް އެކަށީގެންވާ ޖާގަ ތަނަވަސްކޮށްދިނުން ކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ޚިޔާލުފާޅުކުރުމުގެ ޙައްޤު ފުރިހަމައަށް އޮތް ނަމަވެސް، އެކަން ކުރަންވާނީ އިސްލާމީ އުޞޫލުތަކާއި ހަމަތަކުގެ ތެރެއިންކަން ރައީސް މުޢިއްޒު ވަނީ ހަނދާންކޮށްދެއްވާފައެވެ. ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމުންނަށްވުމާ އެކު، ވާހަކަދެއްކުމުގައާއި ލިޔުންތައް ޝާއިޢުކުރުމުގައި ވެސް މާތްﷲ އަންގަވާފައިވާ މިންގަނޑުތަކަށް ތަބާވުން ލާޒިމުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެ އިންތަކުގެ ތެރޭގައި ހުރެގެން ކުރެވޭ ކޮންމެ ސިޔާސީ މަސައްކަތަކަށް ސަރުކާރުން އެއްވެސް ހުރަހެއް ކުރިމަތިނުކުރުވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

