
ރަށްރަށުގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމުގެ ބޭނުމުގައި ލާމަރުކަޒީ ގާނޫނަށް މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު އިސްލާހު ވީއެންމެ އަވަހަކަށް ފާސްކުރުމަށް ބާރުއެޅުމުގެ ގޮތުން އާންމުންގެ ގިނަ ބަޔަކު ބައިވެރިވެގެން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަގުސަދަކީ، ތަރައްގީގެ މަސައްކަތްތަކަށް ބޭނުންވާ ބިންތައް ހޯދުމުގެ އިޖުރާއަތްތައް ފަސޭހަކޮށް، ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ކަށަވަރުކުރުމެވެ. މިހާރު މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ދިރާސާކުރަމުންދާ މި ބިލް އަވަސްކުރުމަށް އެދި ތައްޔާރުކުރާ ޕެޓިޝަނަށް އާންމުންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.
މި އިސްލާހު ފާސްވެއްޖެނަމަ، ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ހާލަތްތަކުގައި، ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ވަޒީރުންގެ މަޖިލީހުގެ ނިންމުމަކާއެކު ސަރުކާރަށް ނެގުމުގެ ބާރު ލިބިގެންދާނެއެވެ. އަދި ކައުންސިލަށް އެކަން އަންގާ ހިސާބުން، އެ ބިމެއްގެ މިލްކުވެރިކަން ދައުލަތަށް ބަދަލުވެގެންދާނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އޭގެ އިތުރުން، ރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ކުރިން ވެސް، އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް ބޭނުންވާ ބިން ސަރުކާރާ ހަވާލުކުރަން ކައުންސިލްތަކަށް އެންގުމުގެ އިހުތިޔާރު ލިބޭނެއެވެ. ހަމައެހެންމެ، އެކަށީގެންވާ ސަބަބަކާ ނުލައި ދައުލަތުގެ މަޝްރޫއުތަކަށް ހުރަސްއެޅޭ ފަދަ އަމަލުތައް ހިންގުމާއި، އެފަދަ މަސައްކަތްތައް ހުއްޓުވުމަށް ނިންމާ ނިންމުންތައް ނިންމުން ކައުންސިލްތަކަށް ގާނޫނީ ގޮތުން މަނާވާނެއެވެ.
ގިނަ ފަރާތްތަކުން މި އިސްލާހު ސިފަކުރަނީ ރަށްރަށުގެ ތަރައްގީއަށް ކޮންމެހެން ބޭނުންތެރި ބަދަލެއްގެ ގޮތުގައެވެ. ސަބަބަކީ، ސިޔާސީ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން ބައެއް ކައުންސިލްތަކުން، ރައްޔިތުންނަށް ފައިދާހުރި ސަރުކާރުގެ މަޝްރޫއުތަކަށް ބިން ދޫނުކޮށް ހިފެހެއްޓުން ފަދަ ކަންކަން މީގެ ކުރިން ފާހަގަކުރެވިފައިވުމެވެ.

