
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ސަރުކާރުން ތެލަށް ކުރަންޖެހޭ ހަރަދު ބޮޑުވެފައިވާތީ ދައުލަތުގެ ބަޖެޓަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ތެޔޮ އިމްޕޯޓްކުރަން އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކް(އޭޑީބީ)އިން ދޭ 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފައެވެ.
އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރުއެވެ. އަދި އެސްޓީއޯގެ ފަރާތުން ޕްރޮޖެކްޓް އެގްރީމަންޓުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޝިމާދު އިބްރާހީމްއެވެ.
އޭޑީބީގެ ފަރާތުން އެ އެއްބަސްވުމުގައި ވެސް ސޮއިކުރެއްވީ އެ ބޭންކުގެ ރީޖަނަލް ހެޑް އޮފް ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓިގްރޭޝަން ޔުނިޓް، ޑރ. ތިއަމް ހީ އަންގްއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިއަދު ހަމަޖެހުނު ފެސިލިޓީއަކީ މަލްޓިލެޓަރަލް ބޭންކުތަކުން ކޮންސެޝަނަލް ފައިނޭންސިން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަމަޖެހުނު ފައިނޭންސިންއެއް ކަމަށެވެ. އަދި އެފަދަ ކޮންސެޝަނަލް ފެސިލިޓީތަކުގެ ސަބަބުން ސަރުކާރުގެ ޑެޓް ސަސްޓެއިނަބިލިޓީ ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށް ވެސް ބުންޏެވެ.

