
ތުރުކީގެ މަޝްހޫރު ލަގްޒަރީ ހޮސްޕިޓާލިޓީ ބްރޭންޑެއް ކަމަށްވާ ‘މެކްސް ރޯޔަލް’އިން އެ ބްރޭންޑުގެ ފުރަތަމަ ބައިނަލްއަޤްވާމީ ރިސޯޓު، “މެކްސް ރޯޔަލް މޯލްޑިވްސް”ގެ ނަމުގައި އަންނަ އަހަރުގެ ފަހުކޮޅު ރާއްޖޭގައި ހުޅުވާނެކަން އިއުލާނުކޮށްފިއެވެ.
މިއީ އާއިލާތަކަށާއި، ޖޯޑުތަކަށް އަދި ގްރޫޕުތަކަށް ވެސް ޚާއްސަކޮށްގެން ފަސް ރަށެއްގެ މައްޗަށް އެކުލެވޭ ގޮތަށް ތަރައްޤީކުރާ ރިސޯޓެކެވެ.
މާލެ އަތޮޅު (ކ. އަތޮޅު)ގައި ތަރައްޤީކުރާ މި ރިސޯޓަށް މާލެއިން ފުރައިގެން ޕްރައިވެޓް ޔޮޓެއްގައި ނުވަތަ ސްޕީޑްބޯޓެއްގައި ދެވެނީ ގާތްގަނޑަކަށް 30 މިނެޓުންނެވެ. މިއީ ސީޕްލޭންގައި ދާންޖެހޭ ރިސޯޓުތަކާ ޚިލާފަށް، ދުވާލުގެ ވަގުތަށް ބަރޯސާނުވެ ރޭގަނޑު ވެސް ފަސޭހަކަމާ އެކު ދަތުރުކުރެވޭނެ ގޮތެކެވެ. މި ރިސޯޓު ހުޅުވުމާ އެކު، މިއީ ތުރުކީގެ ބެލެކް، ކެމެރް އަދި ބޮޑްރަމްގައި އެ ބްރޭންޑުން ހިންގަމުން އަންނަ ރިސޯޓުތަކުގެ ލިސްޓަށް އިތުރުވެގެންދާނެ ތަނެކެވެ.
މެކްސް ރޯޔަލް މޯލްޑިވްސްގައި ގާޑަން އަދި އޯވަރވޯޓާ ވިލާތަކުގެ އިތުރުން، އާއިލާތަކަށް ޚާއްސަ މަލްޓި-ބެޑްރޫމް ވިލާތައް ހުންނާނެއެވެ. މީގެ ތެރެއިން ރިސޯޓުގެ ‘ތަރި އައިލެންޑް’ގައި ހުންނަ ވިލާތަކަކީ ވަރަށް ޕްރައިވެޓް މާހައުލެއްގައި ތަރައްޤީކުރާ ތަންތަނެވެ. އެ ރަށުގައި ވަކި ޚާއްސަ އަތިރިމައްޗަކާއި، ވެލްނެސް ފެސިލިޓީތަކުގެ އިތުރުން ބަޓްލަރުން ހިމެނޭހެން ޚާއްސަ ސަރވިސް ޓީމެއް އޮންނާނެއެވެ.
މި ރިސޯޓަކީ ކުޑަކުދިންނާ ވެސް ވަރަށް ރައްޓެހި ތަނަކަށް ވެގެންދާނެއެވެ. އެގޮތުން 12 އަހަރުން ދަށުގެ ކުދިންނަށް ‘މެކްސީ ލޭންޑް’ އަދި 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ‘ޔަންގް ރޯޔަލްސް ކްލަބް’ގެ ނަމުގައި ޚާއްސަ ފެސިލިޓީތަކެއް ހުންނާނެއެވެ. އަދި އަކުއާ ޕާކަކާ އެކު، އެކި އުމުރުފުރާތަކާ ގުޅޭ ތަފާތު ކުޅިވަރުތަކާއި ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

