
30 އަހަރުގެ ދިގު ވެރިކަމުން ދިމާވި މައްސަލަތައް އެމްޑީޕީ އަށް ދިމާވާން ނޭދޭކަމަށާއި އެ މައްސަލަތަކުން އެނގިގެންދާ ކަމަކީ އާ ލީޑަރުން އުފެދެން ޖެހޭ ކަން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.
ސޯލިހު މިހެން ވިދާޅުވީ ޅ. ހިންނަވަރުގައި ރޭގައި ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމަށް ތާއީދު ހޯއްދެވުމަށް ކުރިއަށް ގެންދިޔަ ޖަލްސާގަ އެވެ. މި ޖަލްސާގައި ވިދާޅުވީ ޒުވާނުން ވޯޓުލާ އިންސައްތަ އިތުރުވަމުން އަންނަ އިރު އެމްޑީޕީގެ ލީޑާޝިޕް މި ވަގުތު އެހެން ޖީލަކަށް ބަދަލު ކުރަން ޖެހޭ ކަމަށާއި ބަދަލު ނުކުރެވިއްޖެ ނަމަ ޖީލަކަށް އެމްޑީޕީގެ ލީޑާޝިޕަށް އައުމުގެ ފުރުސަތު ގެއްލިގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖެ ދުށް ދިގު 30 އަހަރުގެ ވެރިކަމުގެ ސަބަބުން ދެ ޖީލެއްގެ މޮޅެތި ލީޑަރުންނަށް ގައުމުގެ އެންމެ މަތީ މަގާމުތަކަށް އައުމުގެ ފުރުސަތު ގެއްލިގެން ދިޔަ ކަމަށް ވެސް ސޯލިހު ވިދާޅުވިއެވެ. އަދި އެ ދިގު ވެރިކަމުގެ ސަބަބުން ދިމާވި މައްސަލަތައް އެމްޑީޕީއަށް ދިމާވާން ބޭނުންފުޅު ނުވާ ކަމަށާއި އެ ތަޖުރިބާއިންވެސް އާ ލީޑަރުން އުފައްދަން ޖެހޭކަން އެނގޭ ކަމަށް ވެސް ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕަށް އާބަޔަކު ގެނެސް އެ ލީޑަރުންނާއެކު ހޮޔޮ ބަދަލު ގެނައުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން މި އިންތިހާބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރަންވީ އިންތިހާބެއްނޫން ކަމަށް ވެސް ވިދާޅުވި އެވެ.
“އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އަކީ ރައީސް ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ނޫން. މިއީ އެމަނިކުފާނު އަޅުގަނޑުމެންނާއެކު ގައުމު އިސްލާހުކުރުމަށްޓަކައި މިއަދު ކުރިމަތިވެފައި އޮތް މަސައްކަތްތައް ކުރުމަށްޓަކައި ޔުނައިޓެޑް ޑިމޮކްރެޓިކް ފްރޮންޓުގައި އަޅުގަނޑުމެން ތިން ރައީސުން ފެށި މަސައްކަތުގައި ދެމިހުންނަންވީ .” ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ ނަޝީދު ކުރައްވާފައި ހުރި މަސައްކަތްތައް ބަލައިގަންނަ ކަމަށާއި އެ މަސައްކަތްތަކަށް އިހުތިރާމް ކުރައްވާ ކަމަށެވެ. މި އިންތިހާބުގައި މީކާއީލް އަށް ތާއީދު ކުރައްވަން ނިންމެވީ ސިޔާސީ ތަޖުރިބާގެ އަލީގައި ޕާޓީގެ މުސްތަގްބަލަށްޓަކައި ކަން ވެސް ފާހަގަކުރެއްވި އެވެ. އަދި ނަޝީދު ފަދަ ސީނިއާ ބޭފުޅެއް ކުރިަތިލައްވާފައި ހުންނެވިއިރު އެ ބޭފުޅާ އާ ވާދަކުރާނެ ޒުވާން ކެންޑިޑޭޓުން އެމްޑީޕީގައި ތިބުމުން ޕާޓީއާމެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ސޯލިހު ވިދާޅުވީ އެމްޑީޕީ އަށް އަންނަ އަހަރު 21 އަހަރު ފުރޭ އިރު ދެކިވަޑައިގަންނަވަން ބޭނުންފުޅުވާ މަންޒަރަކީ އެ ޕާޓީ އިން އިންތިހާބުވި ދެ ރައީސުންނާ، މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސް ކަމުގެ އިތުރުން ޗެއާޕާސަންކަން ކުރެއްވި ހުރިހާ ބޭފުޅުން އެއް ތަނެއްގައި އަތުރާލައި އާ ލީޑަރުންނަށް ޕާޓީގެ ހިންގުން ހަވާލުކުރުން ކަމަށެވެ.

