
ގދ. އަތޮޅު ކައުންސިލުން ތަޖުރިބާ ހޯދުމުގެ ނަމުގައި 2024ވަނަ އަހަރު ރާއްޖެއިން ބޭރަށް ކުރި ތިން ދަތުރަކަށް 1.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ފަޅާއަރައިފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި ރިޕޯޓަކުން އެ ކައުންސިލްގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު ބަޔާންކުރާ ގޮތުގައި، މާލީ ވުޒާރާއާއި ލޯކަލް ގަވަމަންޓް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ކޮށްފައިވާ މި ޚަރަދުތަކުގެ ތެރޭގައި ސްރީލަންކާއަށް ކުރި ދެ ދަތުރެއް ހިމެނެއެވެ. އޭގެ ތެރެއިން އެއް ދަތުރަކީ ކައުންސިލްގެ ނުވަ މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން 10 މީހުންގެ ޓީމަކުން ކުރި ދަތުރެކެވެ. އެ ދަތުރަށް 894،082 ރުފިޔާ ހޭދަކޮށްފައިވާއިރު، އިދާރީ 17 މުވައްޒަފަކު ލަންކާއަށް ކުރި އަނެއް ދަތުރަށް 306،848 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
Gdh. Atoll Council 2024 – Compliance Audithttps://t.co/K0DH6vExp0 pic.twitter.com/XsTiITOWa8
— AGO (@AuditMV) June 14, 2026
މީގެ އިތުރުން، އޮޅުއަލަ ދަނޑުތަކަށް ޖެހޭ ބައްޔަކަށް ހައްލު ހޯދުމަށާއި ފަތުރުވެރިކަމުގެ ދާއިރާ ދިރާސާކުރުމުގެ ނަމުގައި ކައުންސިލަރުންނާއި އެސްޖީ ހިމެނޭގޮތަށް 13 ދުވަހަށް ތައިލެންޑަށް ކުރި ދަތުރަކަށް 723،936 ރުފިޔާ ހޭދަކޮށްފައިވާކަން އޮޑިޓުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް، މި ބޮޑު ހޭދައެއް ކޮށްފައިވާއިރު، ތައިލެންޑުގެ ދަނޑުވެރިކަމާ ނުވަތަ ފަތުރުވެރިކަމާ ގުޅުންހުރި އެއްވެސް ރަސްމީ އިދާރާއަކާ ނުވަތަ ޖަމިއްޔާއަކާ ބައްދަލުކުރިކަމުގެ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ބޭކާރު ޚަރަދުތަކުގެ އިތުރުން، މާލީ ގޮތުން ކައުންސިލް ހިންގުމުގައި ހުރި ބޮޑެތި މައްސަލަތަކެއް ވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، އެކި ފަރާތްތަކުން ކައުންސިލަށް ލިބެންޖެހޭ 833،070 ރުފިޔާ ހޯދުމަށް ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވެއެވެ. އަދި 2018ވަނަ އަހަރު ކައުންސިލްގެ ވަށާފާރު ރޭނުމަށް އިތުރަށް ދޫކޮށްފައިވާ 233،018 ރުފިޔާ އަނބުރާ ހޯދަން އޮޑިޓުން ތަކުރާރުކޮށް ލަފާދިނުމުން ވެސް އެކަމަށް އަމަލުކޮށްފައެއް ނުވެއެވެ.
އޭގެ އިތުރުން، އާމްދަނީގެ ގޮތުގައި ބަލައިގަތް 180،100 ރުފިޔާ އޮޑިޓް ކުރިއިރު ވެސް ކައުންސިލްގެ ރަސްމީ ބޭންކު އެކައުންޓަށް ޖަމާކޮށްފައި ނުވާކަން ވެސް ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

