
ތަހުގީގުތައް އަވަސްކުރަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޖިނާއީ އިޖުރާތުގެ ގަވައިދު އިސްލާހުކޮށްފިއެވެ.
އެކަން ހާމަކޮށް އޭސީސީން މިއަދު ބުނީ އެ ބަދަލުގެ މައިގަނޑު މަގުސަދަކީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ނިޒާމު ހަރުދަނާކޮށް، ނަތީޖާ ނެރެވޭނެ އުސޫލުތަކެއްގެ މަތިން ކުރިއަށް ގެންގޮސް ތަހުގީގުތަކުގެ އަވަސްކަން އިތުުރުކުރުން ކަމަށެވެ.
އެގޮތުން އެ އިސްލާހުގެ ދަށުން ކޮމިޝަނަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ވެސް، ނިންމާނެ މުއްދަތެއް ކަނޑައެޅުމަށްޓަކައި، ތަހުގީގު ފެށުމުގެ ކުރިން، އެ މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް، ‘އެސެސްމަންޓެއް’ ހެދުން ލާޒިމުކޮށްފައި ވެސް ވެއެވެ.
އަދި މައްސަލަތައް އެސެސްކުރުމުގައި މުޖުތަމަޢުގެ މަސްލަޙަތު، މާލީ ގެއްލުން، ހެކި ނައްތާލުމުގެ އިހުތިމާލު، އަދި ނުފޫޒު ފޯރުވުމުގެ ފުރުސަތު ފަދަ 10މިންގަނޑަކަށް ބަލައި، މައްސަލަތައް ކެޓަގަރީކޮށް، އެ ކެޓަގަރީތަކާ އެއްގޮތަށް މައްސަލަތައް ނިންމުމަށް ވަކި މުއްދަތުތަކެއް ކަނޑައަޅަން ލާޒިމު ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
އޭގެ އިތުރުން އެ އިސްލާހުގެ ދަށުން ކަނޑައަޅާފައިވާ މުއްދަތަށް މައްސަލަ ނުނިންމޭ ހާލަތެއް މެދުވެރިވެއްޖެނަމަ، މުއްދަތު އިތުރުކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، މުއްދަތު މުރާޖާކޮށްގެން ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެ އިސްލާހާއެކު އޭސީސީގެ ތަހުގީގީ އޮނިގަނޑު އިތުރަށް ހަރުދަނާވެ، ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ޢަމަލުކުރާ އިޖުރާއަތުތައް މިހާރަށްވުރެ ހަރުދަނާވެގެންދާނެ ކަމަށް ކޮމިޝަނުން އުންމީދު ކުރާކަމަށް ވެސް އެ ކޮމިޝަންއިން ބުންޏެވެ.

